ޖަންގަލިތެރޭގައި ދުއްވަނިކޮށް، ގަސްތަކުގެ ތެރޭގައި މަތިންދާ ބޯޓެއް އޮއްވާ ފެނިއްޖިއްޔާ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ އެކްސިޑެންޓެއް ވީބާވައެވެ!!! ކޮންމެއަކަސް މި މަންޒަރުވާނީ ވަރަށްވެސް ހައިރާން ކުރުވަނިވި މަންޒަރަކަށެވެ. ސަބަބަކީ، މިހެން ތަންނަށް އެއްލާލާފައި ނުވަތަ ބާވެގެން ބާކީ ކޮށްލާފައިނަމަވެސް މަތިންދާ ބޯޓެއް އޮއްވާ ފެނުމަކީ އާއްމު ކަމެއް ނޫނެވެ.

އިލެކްޓްރިކަލް އިންޖިނިއަރ އެއް ކަމަށްވާ ބްރޫސް ކޭމްޕްބެލް އޭނާގެ ވަޒީފާއިން ރިޓަޔަރ ވުމަށްފަހު ދިރިއުޅެމުންދަނީ "ރިޓަޔަރ" ވެފައި އޮތް ބޮއިންގ 727 އެއްގައެވެ. 1999 ގައި އޭނާ މި ބޯޓުގަނެފައިވަނީ އެއްލައްކަ ޑޮލަރަށެވެ. އަދި ބޯޓު މިހާރު އޮތްތަނަށް ގެނައުމާއި އޭގެ އެތެރެ ބަދަލު ކުރުމަށް ބްރޫސް ވަނީ، އިތުރު 120،000 ޑޮލަރު ޚަރަދު ކޮށްފައެވެ. އެމެރިކާގެ އޮރިގަން ސްޓޭޓްގެ ޕޯރޓްލޭންޑްގެ ވަލު ތެރޭގައި އޮންނަ މި ބޯޓުގައި ބްރޫސް އުޅެނީ ވަރަށް އުފަލުންނެވެ.

ބްރޫސް ހާމަކުރި ގޮތުގައި މިފަދަ ބޯޓުތައް، ނައްތާލުމަށްވުރެ މިކަހަލަ ގޮތަކަށް އިޔާދަކޮށްގެން ބޭނުން ކުރުން މާރަގަޅެވެ. ސަބަބަކީ، މި ބޯޓުތަކުގެ ތޮށިގަނޑު ހެދިފައިވަނީ، ތޫފާންތަކާއި ބިންހެލުމުން ބޮޑު ގެއްލުމެއް ނުވާނޭހެން ވަރަށް ވަރުގަދައަށެވެ. ބްރޫސް މިބޯޓުގެ އެތެރެ އަލުން މަރާމަތު ކުރިއިރު އަދިވެސް މި ބޯޓުގައި ކުރިން ގެންގުޅުނު ގޮނޑިތަށް އެބަހުއްޓެވެ.

ފާހާނާ ވެސް ހުރީ ހަމަ މި ކަހަލަ ބޯޓުތަކުގައި ހުންނަ ސްޓައިލްއަށެވެ. ކޮންކްރީޓް ތަނބުތަކެއްގެމަތީގައި ބޯޓު ބާއްވާފައި އޮތްއިރު ބޯޓަށް އަރާ ސިޑިވެސް ވަނީ ކުލަބޮކިން ޖަރީކޮށްފައެވެ. ބޯޓުގައި ހިތްގައިމު ތަނަވަސް ލިވިން އޭރިޔާ އެއް ހަދާފައި ވީ ނަމަޗެސް މިތަނުގެ މަސައްކަތް އަދި އެއްކޮށް ފުރިހަމައެއް ނުވެއެވެ.

ބޯޓުގެ ކޮކްޕިޓް ބްރޫސް ބޭނުން ކުރާނީ ފޮތްކިޔާ ތަނެއްގެ ގޮތުގައެވެ. ވީވަރަކުން ބޯޓުގައި ބޭނުންކޮށްފައިވާ ފަދަ ތަކެތި ބޭނުންކޮށްގެން މަރާމާތުކުރުމަށް ޚާއްސަ ސަމާލުކަމެއް ބްރޫސް ދީފައިވެއެވެ.

މިއީ މިގޮތަށް މަތިންދާބޯޓެއް ދިރިއުޅުމަށް ބަދަލު ކުރި ފުރަތަމަ ފަހަރެއްނޫނެވެ. އެމެރިކާގެ ޖޮއާން އަސްރީ ވަނީ ބޮއިންގ 727 ގެ ބޯޓެއް 2000 ޑޮލަރަށް ގަނެ އިތުރު 4000 ޑޮލަރު ޚަރަދުކޮށްގެން މިސިސިޕީގެ ކުޅިއެއްގެ އައްސޭރީގައި ބާއްވައިގެން 3 ކޮޓަރީގެ ގެއަކަށް ބަދަލު ކޮށްފައެވެ. މިގޭގައި ބަދިގެ، ސިޓިންގރޫމް އަދި ލޯންޑްރީގެ އިތުރުން ޖަކޫޒީވެސް ހުރެއެވެ. މިބޯޓުގެއަކަށް ބަދަލުކުރުމުގައި ބޯޓާއި ގުޅުވައިގެން ފެންޑާއެއް ވެސް ހެދިފައިވެއެވެ.

ޖޮއާންގެ މިގެއަކީ އޭނާގެ މާމަދަރިންގެ އިތުރުން އޭނާގެ ރަޙްމަތްތެރިން ޕާޓީ ބާއްވަންވެސް އެންމެ ފުރަތަމާ ޚިޔާރުކުރާ ތަނެވެ. ޖޮއާން ދިރިއުޅުމަށް މިބޯޓު ހެދިކަމުގައި ވިޔަސް އެއަރކޯން ކޮށްފައިވާ 2 ކޮޓަރި ކުއްޔަށްވެސް ދެއެވެ. މިތަނުގައި ނިދާލާން ބޭނުންނަމަ އަގަކީ ރެއަކަށް 200-250 ޕައުންޑެވެ.

މިފަދަ ކަމެއް ކުރުމުގެޚިޔާލު ގެންގުޅޭ އެހެންފަރާތްތަކަށް ބުނެލަން އޮތީ މަތިންދާ ބޯޓެއްގަނެ، އޭގައި ދިރިއުޅޭވޭ ފެންވަރަށް މަރާމާތުކުރުމަކީ ކުޑަޚަރަދަކުން ކުރެވޭނެ ކަމެއް ނޫނެވެ. ހެޔޮ އަގެއްގައި ބާބޯޓެއް ގަންނަންލިބުން ކަމުގައި ވިޔަސް ބޯޓު ބާއްވަން ބޭނުންވާ ތަނަކަށް ގެންދިއުމާއި، ބޯޓު ބޭއްވުމަށް ބިމެއް ހޯދުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނޭ ކަންކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.