ރައްޔިތުންގެ މަޖިލީހުގެ ނިޝާންގެ ކުލައަށް އެއްވެސް ބަދަލެއް ނުގެންނަކަމަށާއި، ކުލަ ބަދަލުކުރިކަމަށް ބުނެ ދައުރުކުރަނީ ހަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް މަޖިލީހުގެ އިދަރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މި އަހަރަށް ފައްޓަވައިދެއްވުމަށްފަހު ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ ހުޅުވާދެއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކުތުބުހާނާގައި ބޭނުންކޮށްފައިވާ ކުލައަކީ ރީނދޫ ކުލަ ކަމަށެވެ. ނިހާން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނިޝާނުގެ ކުލައަކީ އެ ދައުރެއްގެ މެޖޯރިޓީ އޮންނަ ޕާޓީއެއްގެ ކުލައަކަށް ބަދަލުވާ ނިޝާނެއްތޯ ސުވާލުކޮށްފައެވެ.
ރައްޔިތުންގެ މަޖލީހުގެ ލޯގޯގެ ކުލަ އަކީ އެދައުރެއްގެ މެޖޯރިޓީ އޮންނަ ޕާޓީ އެއްގެ ކުލައަކަށް ބަދަލުވާ ލޯގޯ އެއްތޯ؟ @DhiyaresNews @Shiyamaldives @em_saeed @avasmv @axanner އިއްޔެ ހުޅުވި މަޖިލީހުގެ ކުތުބުޚާނާ ނަންބޯޑުގައި މަޖިލީހުގެ ލޯގޯގައި ރީނދޫކުލަ ހިމަނާފައިވަނީ އޮޅުމަކުންތޯ؟ pic.twitter.com/AICKjsmsTv
— Ahmed Nihan (@ahmed_nihan) February 5, 2021
އެކަމާއި ގުޅިގެން "ޖަޒީރާ" އިން ސުވާލުކުރުމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ނިޝާނަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
ކޮންމެ ލޯގޯއެއްގައިވެސް ވޭރިއޭޝަންތައް ހުންނާނެ. މިއީ ވޭރިއޭޝަނެއް. ބޭނުން ކޮށްފައި ވާނީ ރަން ކުލަ.
ކޮންމެ ލޯގޯއެއްވެސް ހަދާނީ ގިނަ ވޭރިއޭޝަން ތަކަކާއެކު ކަމަށާއި މި ވޭރިއޭޝަންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ކުރިން ބޭނުންކޮށްފައިވާނެ ކަމަށް ޒިޔާއި ވިދާޅުވިއެވެ.
ކަޅު ކުލަ އަދި ނޫ ކުލައިގެވެސް ވޭރިއޭޝަނެއް ރައްޔިތުންގެ މަޖިލީހުން ބޭނުންކޮށްފައިވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ބޭނުންކޮށްފައިވާ ވޭރިއޭޝަނާއި މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭނުންކޮށްފައިވާ ލޯގޯ ތަފާތުކަން ޒިޔާއު ފާހަގަކުރެއްވިއެވެ.
މަޖިލިސް ކުރާ މާލަމުގައި ބޭނުންކޮށްފައިވަނީ ރަން ކުލައިގެ ލޯގޯއެކެވެ. ވެބްސައިޓުގައި ބޭނުންކޮށްފައިވަނީ ސްޓޭންޑަރޑް ލޯގޯއެއް ކަމަށާއި، އެއީ ވެބްސައިޓަށް އެންމެ 'ސޫޓަބަލް' ލޯގޯ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާގައި ބޭނުންކޮށްފައިވާ ލޯގޯގައި ބޭނުންކޮށްފައިވަނީ ރަން ކުލައެވެ.
މި ލޯގޯ ރައްޔިތުންގެ މަޖިލީހުގެ ރިސެޕްޝަންގައި ހުންނަ ލޯގޯގައިވެސް ބޭނުންކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް، އެއީ ރީނދޫ ކުލަ ނޫންކަމަށް ޒިޔާއު ވިދާޅުވިއެވެ. ފޮޓޯއެއްގެ ކޮންޓްރާސްޓް މަތި ކުރުމުން ރަން ކުލަ ރީނދޫ ކުލައަށް ބަދަލު ވެދާނެކަން ޒިޔާއު ފާހަގަކުރެއްވިއެވެ.
ނިހާން ޓްވިޓަރ އަށް ލާފައިވާ ފޮޓޯއަކީ ކޮންޓްރާސްޓް ބަދަލުކޮށްފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ.