PPM PNC PROTEST

އިދިކޮޅުން ހުކުރު ދުވަހު ހަވީރު ކުރިޔަށް ގެންދިޔަ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން އުޅުންކަމެއް އެނގިފަ ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ހުކުރު ދުވަހު ހަވީރު ކުރި މުޒާހަރާގައި ރައީސް ނަޝީދު ދިރުއުޅުއްވާ ގެ، ކެނެރީގެ މަގަށް މުޒާހަރާގެ ބައިވެރިން ވަދެ އެ ސަރަހައްދުގައި ވަނީ އަޑުގަދަކޮށްފައެވެ. އަދި މުޒާހަރާގައި ކެނެރީ ގޯޅިއަށް މުޒާހަރާގެ ބައިވެރިން ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ ސަރަހައްދަށް ބައިވެރިންނަށް ނުވަދެވޭ ގޮތަށް ސަފުހަދާ ބައިވެރިން އެ ސަރަހައްދުން ދުރަށް ފޮނުވާލާފައެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ، ތަކުރާރުކޮށް ފުލުހުންގެ އަމުރަށް މުޒާހާރާގެ ބައިވެރިން ނުކިޔަަމަންތެރިވިކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ އާންމު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ ނުރުހުން ފާޅުކޮށް ޓުވީޓުކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ނަޝީދުގެ ގެއަށް ގޮސް ގަޔަށް ބޮލަށް އަރާކަށް ނުޖެހޭކަމަށް ވިދާޅުވެފައެވެ. އަދި، ޕީޕީއެމްއިން މުޒާހަރާވެސް ކުރަންވާނެކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ގޭ ދޮށަށް ގޮސް ރައީސް ނަޝީދަށް ހަމަލާދޭން އުޅުމަކީ މުޒާހަރާ ކުރުމެއް ނޫންްކަމަށެވެ. އެއީ ޔާމީނަށް ލުޔެއް ލިބޭނެކަމެއްވެސް ނޫންކަމަށް ދޮންބިލެތްގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޖަޒީރާއިން ފުލުހުންނަށް ގުޅުމުން ބުނީ، މުޒާހަރާގެ ބައިވެރިން ކެނެރީ ގޯޅިއަށް ވަނުމަށް މަސައްކަތްކުރުމުން އެކަން ހުއްޓުވިކަމަށާއި، ރައީސް ނަޝީދު ދިރިއުޅުއްވާ ގެއަށް ވަދެ ހަމަލާދޭން އުޅުންކަމުގެ އެއްވެސް މައުލޫމާތެއް އަދި ރައީސް ނަޝީދަށް ހަމަަލާދޭން ރާވާކަމުގެ މައުލޫމާތެއް އެ މުއައްސަސާއަށް ލިބިފައިނުވާކަމަށެވެ.

ފުލުހުން ވަނީ، އެމްޑީޕީގެ މެމްބަރުން ކުރެއްވި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ފުލުހުން ބުނީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި ބުނީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުންދަނީ އެމްއެންޑީއެފުން ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގޭ ދަށަށް އިދިކޮޅުން އެެއްވެ، އެމަނިކުފާނަށް ހަމަލާދިނުމަށް މަަސައްކަތްކުރިކަމަށް ބައެއް އާންމު މެމްބަރުން ތުހުމަތުކުރާއިރު، ނިމުނު ހަފްތާގައި މުޒާހަރާ ކުރި ބަޔަކު ވަނީ މުލިއާގޭގެ ދޮރާއްޓާއި ހަމައަށް ގޮސްފަ އެވެ. މުލިއާގެޔަކީ ދިވެހި ދައުލަތުގެ ވެރިޔާ، ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު އެވެ. ރިޔާސީ ގަނޑުވަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަނިކޮށް، އެ ސަރަހައްދަށް ފުލުހުންނަށް އާދެވިފައިވަނީ ވަގުތުކޮޅެއްފަހުންނެވެ.

އިދިކޮޅުން ކުރި މުޒާހަރާގައި ބައިވެރިން އިޖްތިމާއި ގައިދުރުކަން ބަހައްޓާފައިނުވާއިރު، މުޒާހަރާގެ ބައިވެރިން ދިޔައީ ތަކުރާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އާންމުންނަށް އުނދަގުވާގޮތަށް މަގުމަތި ބްލޮކްކުރަމުންނެވެ. ފަހަކަށް އައިސް ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށާއި އިންސާފް ގާއިމްކުރުމުގެ އިތުރުން އިންތިހާބު ލަސްކުރަން ސަރުކާރުން ގަސްދުގައި މަސައްކަތް ކުރާކަމަށް ބުނެ، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް މުޒާހާރާކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.