މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލާ "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު"ގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބުރިޖާ ގުޅޭ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބުރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ކަމަށާއި، ސަރުކާރުން، އަމަލީ މަސައްކަތް ފަށައިގަންނާނީ، ބްރިޖް އެޅުމަށް ރާވަން ޖެހޭ އެންމެހާ ކަންކަން ރާވާ ނިންމުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަމުން މިދަނީ އަންނަ އަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް(ސައިޓުގެ މަސައްކަތް) އަމަލީ ގޮތުން ފެށޭނެ ކަމަށް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ބުރިޖުގެ ޑިޒައިން އަދި ޓެންޑަރިން މަރުހަލާގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭ ކަމަށާއި މިހާރު އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު"އަކީ،  ކޮލަމް ޖަހައިގެން އަޅާ ބުރިޖެއް ކަމަށެވެ.

"ފައިނަލް ކުރެވުނު އެއް ކަމަކީ ކޮލަމް ޖަހައިގެން އަޅާ ބުރިޖަކަށޭ މި ބުރިޖު ވާނީ. ކޭބަލް ބުރިޖެއް ގޮތަކަށް ނޫން މި ބުރިޖު އަންނާނީ. ބުރިޖު، މާލޭން ފެށިގެން ގޮސް ވިލިނގިއްޔަށް ކަނެކްޓު ވާނެ އެލައިންމަންޓް އަދި ވިލިނގިލިން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް (ގުޅުވާލާ) އެލައިންމަންޓް ގާތްގަނޑަކަށް ނިންމިފައި އޮތީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތް ކުރަމުންދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓްގައިވާ ގޮތުގައި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

މި މަޝްރޫއަށް ޖުމްލަކޮށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.