މަނީ ލޯންޑަރިންގ ކުށުގެ ދައުވާ ސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަަންފީޒުކުރުމަށްދާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލަން ގޮވާލާ، ގައުމީ ދިދަ ހިފައިގެން ޔާމީންގެ ސަޕޯޓަރުން މަގުމަތީގައި އަނެއްކާވެސް މުޒާހަރާކޮށްފި އެވެ.
މުޒާހަރާ ފަށާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. ގައުމީ ދިދަ ހިފައިގެން، އިންސާފު ގާއިމުކުރުމަށާއި ޔާމީން ދޫކޮށްލަން ގޮވަމުން މަޖީދީމަގުގައި ބައިވެރިން ހިނގަމުންދިޔައިރު ފުލުހުންގެ އަމުރަށް ކިޔަމަންތެރިވުމެއްނެތި މީހުން އަމަލުކުރަމުންދިޔަ މަންޒަރު ފެނެއެވެ. މުޒާހަރާ ކުރީ ކޮން ބައެއްކަމެއް ސީދާ ސާފުވެވެފައިނުވީނަމަވެސް، ކުރީ ސަފުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް ނިސްބަތްވާ 4 ބޭފުޅުން ތިއްބެވިއެވެ.
މުޒާހަރާގެ ބައިވެރިންގެ އިޖްތިމާއި ގައިދުރުކަން ބަހައްޓާފައިނުވާއިރު، މުޒާހަރާގެ ބައިވެރިން ދިޔައީ ތަކުރާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އާންމުންނަށް އުނދަގުވާގޮތަށް މަގުމަތި ބްލޮކްކުރަމުންނެވެ.
ފަހަކަށް އައިސް ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށާއި އިންސާފް ގާއިމްކުރުމުގެ އިތުރުން އިންތިހާބު ލަސްކުރަން ސަރުކާރުން ގަސްދުގައި މަސައްކަތް ކުރާކަމަށް ބުނެ، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް މުޒާހާރާކުރެއެވެ.