ސިންގަޕޫރުން ޑެންގޫ ނައްތާލުމަށްޓަކައި، ހަފްތާއަކު 5 މިލިއަން މަދިރި ވިއްސުމުގެ މަޝްރޫޢެއް ފައްޓައިފިއެވެ. 5 މިލިއަށް ޑޮލަރ ޚަރަދުކޮށްގެން މިފެއްޓި މަޝްރޫޢް ރަސްމީކޮށް ހުޅުވުން އޮތީ މި ޑިސެމްބަރ މަހުގެ 2 ގައެވެ. މި ޕްރޮޖެކްޓްގައި ވިއްސާ އީޑިސް ފިރިހެން މަދިރީގެ ހަށިގަނޑަށް "ވޮލްބާކިއާ" ކިޔާ ބެކްޓީރިއާ އެއް ޖައްސައެވެ. އީޑިސް ފިރިހެން މަދިރިއަކީ، އިންސާނުންގައިގައި ހަފާ އެއްޗެއް ނޫނެވެ. އަދި "ވޮލްބާކިއާ" އަދި އިންސާނުންނަށް ވާސިލްވާ ބެކްޓިރިޔާ އެއް ނޫނެވެ. މި ބެކްޓިރިއާ އަކީ ދަރިމައިވުން ހުއްޓުވާ ބެކްޓީރިއާ އެއްކަމުން، މި ބެކްޓީރިއާތައް ޖެހިފައިވާ ފިރިހެން މަދިރި އެހެން އަންހެން މަދިރިތަކާއި ޖޯޑުވުމުން އަޅާބިސް ނުވިހާނެއެވެ. އަދި މިކަމުގެ ސަބަބުން މަދިރީގެ އާބާދީ މަދުވަމުން ދާނެއެވެ.

ސިންގަޕޫރުން މިކަންކުރަން ނިންމީ މިއަހަރު ތެރޭގައި 15،000 ޑެންގޫ ކޭސް ރެކޯޑް ކުރެވި 20 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މި އަދަދަކީ، މިދިޔަ 4 އަހަރަށްވުރެ މަތި އަދަދެކެވެ. އީޑިސް މަދިރި ހެފުމުގެ ސަބަބުން ޑެންގޫ ޖެހިއްޖެނަމަ ފެންނާނެ ޢަލާމާތްތަކަކީ، ގަދައަށް ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ހޮޑުލެވުމާއި ބޮލުގައި ރިއްސުމާއި ބިހިނެގުމެވެ. މިބަލީގެ އެންމެ ނުރައްކާ މަރުޙަލާގައި، ހަށިގަނޑުގެ އެތެރޭގެ ނާރުތައް ހަލާކުވެ ލޭ އައުމާއި، ޝޮކްޖެހުމާއި ގުންވަންތައް މަސައްކަތްކުރުން ހުއްޓި މަރުވުން ހިމެނެއެވެ. މި ބަޔަށް ވެކްސިނެއް އަދި ވަކި ޚާއްސަ ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ.

2016 ގައި މި ޕްރޮޖެކްޓާއި ގުޅުން ހުރި ދިރާސާތައް ކުރަމުން ދިޔަ އިރު މީހުން ދިރިއުޅޭ ސަރަޙައްދު ތަކަށް މީގެ މަދިރި ދޫކުރުމުން އެ ސަރަހައްދު ތަކުގެ މަދިރީގެ އާބާދީ 50 އިންސައްތަ އަށް ދަށްވެގެން ދިޔައެވެ. އަދި މިއަހަރުގެ ފެބްރުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް މިގޮތަށް މަދިރި ވިއްސާ އަދި ދޫކޮށްގެން މި އިންސައްތަ 90 އަށް ވަނީ ދަށްކޮށްފައެވެ. ނަމަވެސް ސިންގަޕޫރުގެ "ނެޝަނަލް އެންވަޔަރމެނޓް އޭޖެންސީ (އެން. އީ. އޭ)" އިން ހާމަ ކުރި ގޮތުގައި މި ދިރާސާތައް ކުރެވިފައިވަނީ، 284 އެޕަރޓްމަންޓް ބްލޮކް ހިމެނޭ ކުޑަ ސަރަޙައްދެއްގައެވެ.

މިހާރު އަމާޒު ހިފާފައިވާ ހަފްތާއަކު 5 މިލިއަން މަދިރިން، ބޮޑު ސަރަޙައްދެއްގެ މަދިރީގެ އާބާދީ މަދު ކުރެވޭނެކަމުގެ ޔަގީންކަން މިހާރު އޮތީ ލިބިފައެވެ. 50 ދިރާސާކުރާމީހުންހިމެނޭ މި ޓީމްގެ ގިނަ މައްސައްކަތް ތަކަކީ މެޝިންގެ އެހީގައި އޮޓޮމެޓިކުން ކުރެވޭ ކަންތަކެވެ. މިގޮތުން މަދިރިފަނީގެ ތެރެއިން އަންހެން ފިރިހެން ފަނި، މެޝިންގެ އެހީގައި ވަކިކުރަން ފެށުމުން މަސައްކަތުގެ ސްޕީޑް 20 އިންސައްތަވަނީ އިތުރުވެފައެވެ. ފަނި ވަކިކުރުމަށް ފަހު، އަންހެން ފަނިތައް ނައްތާލާ އަދި ފިރިހެން ފަނިތައް ހުންނަ ޓްރޭތަކަށް، ކަނޑައެޅިފައިވާ މިންވަރަށް "ވޮލްބާކިއާ" ބެކްޓީރިއާ ދެނީވެސް މެޝިނުންނެވެ. މިއީ މިމަސައްކަތުގެ ސްޕީޑް 40 އިންސައްތަ އަވަސް ކޮށްދިންކަމެވެ. ދެން މިހާރު މަސައްކަތް ކުރަނީ، ފަނިތައް ވިހެއުމުން ޑްރޯންގެ އެހީގައި ކަނޑައެޅޭ ސަރަޙައްދު ތަކަށް މަދިރިތައް ދޫކުރަން ކުރަންޖެހޭ ތައްޔާރީތަކެވެ. މިކަމުގެ ސަބަބުން މި ޕްރޮޖެކްޓް ފުޅާކޮށް މުޅި ސިންގަޕޫރުގެ ހުރިހާ ސަރައްދެއް ހިމެނޭގޮތަށް ހިންގުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކަށް ފަންނީމީހުންގެ ވަގުތު ހުސް ކުރެވޭނެއެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން މަދިރީގެ އާބާދީ މަދުވިޔަސް މަދިރި އެއްކޮށް ނައްތާލެވޭނީ މަދިރި އާލާވެވޭގޮތަށް ހުންނަތަންތައް މަދު ކުރެވިގެންނެވެ. މިއީ ޗުއްޓީދުވަސްވަރު ކަމުން ގައުމުން ބޭރަށްދާ އާއިލާތަކުން، ފުރުމުގެ ކުރިން ގޭގައި ހުންނަ މިފަދަ ތަކެއްޗާއި ތަންތަން މަދިރި އާލާނުވާނެ ގޮތަކަށް ބަންދު ކުރުމަށް ވަނީ އިރުޝާދު ދެވިފައެވެ. ސަބަބަކީ، ވޮލްބާކިޔާ މަދިރި ދޫކުރަމުންދާ ދުވަސްވަރުގައި ވިޔަސް، އީޑިސްމަދިރި ބިސްއަޅާ އާލާވުމަކީ މި ޕްރޮޖެކްޓްގެ ނަތީޖާ އެންމެ ރަގަޅަށް ހާޞިލް ކުރުމަށް އެޅޭވަރަށް ބޮޑު ހުރަހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.