މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ޓިކްޓޮކްއާ ގުޅި ވަޑައިގެންފިއެވެ.
ޓިކްޓޮކް އަކީ އާއްމުކޮށް ގޮތެއްގައި މިއުޒިކާއި އެކު ކުރު ވީޑިއޯތައް ޝެއާކުރާ ޕްލެޓްފޯމެކެވެ. މުއިއްޒު ޓިކޮޓޮކް އެކައުންޓު ހުޅުވާފައިވަނީ އިއްޔެއެވެ.
އެ އެކައުންޓުގައި މިހާތަނަށް ޕޯސްޓު ކޮށްފައިވަނީ އެންމެ ވީޑިއޯއެކެވެ. އެ ވީޑިއޯ ގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްގުވާ ކަމަށާއި، އެއީ އިންސާނީ ހައްގެއް ކަމަށެވެ.
@muizzuformayor Dr Muizzu believes that housing is a human right and should be guaranteed to every citizen. #TiktokMV #Maldives #Malecity #dhivehitiktok
''ޖަޒީރާ'' އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޓިކްޓޮކް އާ ގުޅިވަޑައިގެންނެވީ ކެމްޕޭނު އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖް ދެއްވަން ފަސޭހަވާނެތީ ކަމަށެވެ.
މާލެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒަކީ ރައީސް ވަހީދުގެ ސަރުކާރުގައި ވެސް ޕްލޭނިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ މުއިއްޒަކީ މީގެ ކުރިން ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެވެސް މަތީ މަގާމުތަކަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެ ތެރޭގައި ވިލާ ޝިޕިންގެ އިންޖިނިއަރިން ޑިރެކްޓަރުކަންވެސް ހިމެނެއެވެ. މުއިއްޒު ވަނީ ކުރީ ސަރުކާރުގައި އެމްއާރްޑީސީގެ ސުޕަރ ސީއީއޯގެ އިތުރުން އެޗްޑީސީގެ ސުޕަރ ސީއީއޯކަންވެސް ކުރައްވާފައެވެ.
މޭޔަރު ކަމަށް މުއިއްޒާ ވާދަކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއެވެ.