އިލެކްޝަންސް ކޮޮމިޝަންގެ ރައީސް އަހުމަދު ޝަރީފް -- ފޮޓޯ: ޖަޒީރާ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭންކުުރުމަށް ހަނި ފުރުސަތުތަކަކާއެކު، އިންތިހާބުގެ ހަރަދު ދެގުނަ ބޮޑުވާގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ގައިޑްލައިންގެ ސަބަބުން އިންތިހާބު ބޭއްވުމަށް ހުރަސްތައް ކުރިމަތިވެ އިލެކްޝަންސް ކޮމިޝަނުން، އިންތިހާބު ފަސްކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިއޮތީ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު އިސްލާހްކޮށް، އިންތިހާބު ބޭއްވުމުގެ ޤަނޫނީ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސްއަށްވުރެ ބޮޑެތި ބާރުތަކެއް ސަރުކާރުގެ ވުޒާރާއެއްކަމުގައިވާ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެޗްޕީއޭއަށް ވަނީ ދީފަ އެވެ. އެ އިސްލާހްގައިވާގޮތުން، އިންތިހާބުގެ ކެމްޕޭނާއި، އަދި އިންތިހާބުގެ ކަންކަން ކުރިއަށްދާނެގޮތް ކަނޑައަޅާނީ އެެޗްޕީއޭއިންނެވެ.

ޤާނޫނު އެގޮތަށް އިސްލާހްކުރަން ފެށުމާއެކުވެސް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި ކަންބޮޑުވުންފާޅުކުރި އެވެ. ނަމަވެސް އެކަންބޮޑުވުންތަކަކަކީ މައްސަލައެއް ނޫންކަމަށް ބަލައި، ޤާނޫނު އީސްލާހްކުރީ ދައުރުން ބޭރުގައި ޖަލްސާތައް ބާއްވައި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

"ޖަޒީރާ" އާއި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ އެޗްޕީއޭގެ ގައިޑްލައިންގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ގައިޑްލައިންގައި ގިނަ ކަންކަން ކަނޑައަޅާފައިވަނީ ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށާއި، އިންތިހާބަށް ހާއްސަކޮށް އުސޫލުތަކެއް ކަނޑައަޅާފައިނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީންވާންޖެހޭ އުސޫލު އެވެ. އެގޮތުން އެ އުސޫލަކީ ޑިސެމްބަރު 3 ގައި އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލެއްކަމަށާއި، އެޔަކީ އިންތިހާބާއި ގުޅިގެން ކަނޑައެޅި ހާއްސަ އުސޫލެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ. އޭގެއިތުރުން ޖަލްސާތަކާއި ހަފްލާތައް ބޭއްވުމުގެ އުސޫލަކީވެސް ޑިސެމްބަރުގައި ކަނޑައަޅާފައިވާ އުސޫލެއްކަމަށް ޝަރީފް ވިދާޅުވި އެވެ.

އެކަންކަން އެގޮތަށް އޮތަތީވެ، ޝަރީފް ވިދާޅުވީ ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ކެނޑިޑޭޓުންނަށް ކަށަވަރުކޮށްނުދެވޭނެކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ނުލިބި، ސަރުކާރަށ ނިސްބަތްވާ ފަރާތްތަކަށް ކެމްޕޭންކުރުމަށް ފުރުސަތު ލިބޭގޮތަށް އިންތިހާބު ބޭއްވުމަކީ އިންތިހާބުގެ ހަމަހަމަކަން ގެއްލޭނެކަމެއްކަމަށް ޝަރީފް ވިދާޅުވި އެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން ކެމްޕޭން ޖަލްސާތަކާއި، ރަސްމިއްޔާތުތައް ބެއްވުމުގައި ބަދަލުގައި، އެކަންކަން ކުރިއަށްގެންދިއުމަށް ބާރު އަޅާފައިވަނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ނޫންގޮތަކަށް ކުރިއަށްގެންދާނާމަ، ކުރިއަށްގެންދަންޖެހެނީ ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މަނާކެމެވެ. އެހެންކަމުން އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި އެއްވެސް ކެމްޕޭން ޖަލްސާއެއް އަދިި ރަސްމިއްޔާތެއްވެސް މިވަގުތަށް ނުބޭއްވޭނެ އެވެ.

އޭގެއިތުރުން ތާއީދު ހޯދުމަށް ދަތުރެއް ކުރާނަމަ، އެ ދަތުރުގައި ބައިވެރިވާ އެންމެން ފުރަތަމަ ޖެހޭނީ ކަރަންޓީނުވާންށެވެ. ކެމްޕޭން ހަރަކާތެއް ކުރިއަށްގެންދެވޭނީ އުސޫލުގައިވާގޮތުން ކޮންމެ ރަށެއްގައި 10 ދުވަސް ކަރަންޓީވުމަށްފަހު އެވެ.

އުސޫލުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ ކަރަންޓީންގައި ތިބޭ މީހުން ތިބިި ތަންތަނުން ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭނެކަމަށް ބުނެފައިވާވުމެވެ. ޝަރީފް ވިދާޅުވީ އެކަމަކީ ޤާނޫނުގައި ވަކިގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާކަމެއްކަމަށާއި، ރަޖިސްޓްރީ ނުވާ ރަށެެއްގައި ވޯޓުލުމުގެ ހައްޤު ދިނުމަކީ ޤާނޫނު ހުއްދަކުރާކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

އުސޫލުގައިވާގޮތުން އިންތިހާބުގައި ވޯޓު ގުނަންވެސް ޖެހޭނީ ތިން ފޫޓު ދުރުމިނުގަ އެވެ. އެހެންކަމުން ގިނަ ކެނޑިޑޭޓުން ކުރިމަތިލާ، އަދި ގިނަ މޮނީޓަރުންނާއި، އޮބްޒާވަރުން ހަރަކާތްތެރިވާ ފޮއްޓެއްނަމަ، ވޯޓު ގުނާ ވަގުތު ފާހަގަ ސާފުނުވުން ފަދަ ގިނަ މައްސަލަތައް ކުރިމަތިވާނެ އެވެ.

ސިއްހަތާއިގުޅޭ ސަރުކާރުގެ އިދާރާއިން ކޮންޓްރޯލްކޮށް ބާއްވާ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް ދެން އެންމެ ބޮޑު ގޮންޖެހުމަށްކަށްވާނީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށެވެ. "ޖަޒީރާ" އާިއ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އޮފިޝަލުން ހޯދާކަމުގައިވާނަމަ، ބޮޑު ހަރަދެއް ހިނގާނެކަމަށެވެ.

1
1
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.