އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ހަޔާތުގެ އެއްފަހަރުގައި ނަމަވެސް ފްލައިޓަކުން ދަތުރުކޮށްފައިވާނެ މީހެކެވެ. ފްލައިޓުން ދަތުރުކުރާއިރު، ފްލައިޓާއި ބެހޭ މައުލޫމާތު އެނގުމަކީ މުހިންމު ކަމެކެވެ. އަދި ފްލައިޓަށް ވަނުމަށް ފަހު އަމަލުކުރަން ޖެހޭނެ އުސޫލުތައް އެނގުމަކީވެސް މުހިންމު ކަމެކެވެ. އާންމު ގޮތެއްގައި ފްލައިޓު ދަތުރަށް ފުރުމުގެ ކުރިން ފަސިންޖަރުންނަށް އާންމު ގަވައިދު ކިޔާދޭނެއެވެ. ނަމަވެސް އެ ގަވައިދުގެ އިތުރުންވެސް އެތައް ކަމެއް ފްލައިޓުގައި ސިއްރު ކުރެވިފައިވެއެއެވެ. އެގޮތުން ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

1. އޮކްސިޖަން މާސްކަކީ، މާ ގިނައިރު ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. ﷲގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އޮކްސިޖަން މާސްކް ބޭނުން ކުރަން ދުވަހަކު ޖެހުނު މީހުނެއްނޫނެވެ. ފްލައިޓް އެޓެންޑެންޓުން އިރުޝާދު ދޭ އިރު އޮކްސިޖަން މާސްކް ހުންނަކަމާއި ބޭނުން ކުރަން ޖެހޭގޮތް ކިޔާދެއެވެ. ނަމަވެސް އެ ކިހާ ވަގުތަކަށް ބޭނުން ކުރޭވަރުގެ ކިހާ އަދަދެއްގެ އޮކްސިޖަން ކަމެއް ނުބުނެއެވެ. ގިނަ ފްލައިޓްތަކުގައި ހުންނާނީ 15 މިނިޓް އަށް ބޭނުންކުރެވޭވަރުގެ އޮކްސިޖަންއެވެ. ހާސްނުވާށެވެ. އޭގެފަހުން ހަމަ ރީތިކޮށް ނޭވާލަމުން ދިޔައިމާ ރަގަޅުވާނެއެވެ. އެ ވަގުތަކީ ފްލައިޓް ތިރިއަށް ގެންނަންއެކަށީގެންވާ ވަރުގެ ވަގުތެކެވެ.

2. އަޅުގަނޑުމެން ދަތުރު ކުރާ ފްލައިޓްގައި ގެންދާ ކާގޯއަކީ ކޮބައިކަމެއް ނޭނގުނަސް ފަސިންޖަރުން ދަތުރުކުރާ ފްލައިޓްތަކުގައި، އަމިއްލަ ވަޒަނަށް ގެންދާ ގަބުރާއި، ޓްރާންސްޕްލާންޓް ކުރުމަށް ގެންދާ އިންސާނުންގެ ގުނަވަންތައްވެސް ގެންދާނެއެވެ. ނަމަވެސް މިކަން ފަސިންޖަރުންނަށް އަންގާކަށް އެޓެންޑެންޓުން ބޭނުމެއްނުވެއެވެ. ފަހަރުގައި މުޅި ދަތުރުގައި ފަސިންޖަރުން ހިތްނުވަތަނަސްވެފައި ތިބެދާނެތީއެވެ.

3. މަތިންދާ ބޯޓުތަކުގެ އެތެރެ ރަނގަޅަށް ސާފުކުރަނީ، އާއްމުގޮތެއްގައި މަހަކު އެއްފަހަރުއެވެ. ފްލައިޓްތަކުން ދަތުރުކުރާމީހުން ހޮޑުލުމަކީ، އަދި ސީޓްމައްޗަށް ކުޑަ ކުދިން ބޮޑުކަމު އަދި ކުޑަކަމުދިއުމަކީވެސް ވަރަށް އާއްމު ކަމެކެވެ. ފަސިންޖަރުން ޗެކިން ވާ ފަހުން ޖައްސާ ފްލައިޓްތައް މާރީތިކޮށް ތާހިރު ނުކުރެވޭނެކަން އެންމެނަށްވެސް އެނގެއެވެ. އެހެން ކަމުން މަތިންމަތިން ސާފުކޮށްލިނަމަވެސް އެ ހުރިހާ ހަޑިއެއްވެސް ފްލައިޓް ތެރޭގައި ހުންނާނެއެވެ.

4. ބޯޓަށް ދިމާވާ ހުރިހާ މައްސަލަ ޕައިލެޓް ފަސިންޖަރުންނަކަށް ކިޔައެއް ނުދެއެވެ. ކޮންމެހެން އަންގަން ޖެހޭ މައްސަލައެއް ދިމާވިޔަސް އެކަމެއް ފަސިންޖަރުންނަށް އަންގާނީ ތަންކޮޅެއް އާދައިގެ ކަމެއްގެ ގޮތުގައި ފަސިންޖަރުން ހާސްނުވާނެ ބަހުރުވައިންނެވެ. ސަބަބަކީ، އެފަދަ ކަންކަން ފަސިންޖަރުންނަށް އެނގުނަސް ހާސްވެ ތެޅިފޮޅުން ނޫންކަމެއް ހަގީގަތުގައި ކުރެވެން ނޯންނާނެތީއެވެ.

5. ފަސިންޖަރުންގެ ގޮނޑީގެ ކުރިމަތީގައި އިންނަ "ޓްރޭ ޓޭބަލް" އަކީ ކެއުމާއި، ފޮތްކިޔުމާއި ލެޕްޓޮޕް ބެހެއްޓުން ފަދަ ކަންކަމަށް ބޭނުން ކުރާ އެއްޗެއް ނަމަވެސް ބައެއް މައިން ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްވެސް މި ބޭނުން ކުރެއެވެ. އެހެންކަމުން މި ޓްރޭތަކުގައި ހުންނަ ބެކްޓީރިއާގެ އަދަދު ފްލަޝް ޓޭންކަށް ފިތާލަން އިންނަ ފިތަށްވުރެ 8 ގުނަ ގިނައެވެ.

6. ފްލައިޓް ތެރޭގައި ބޭނުން ކުރުމަށް ދޭ ރަޖާ، ބާލީސް ފަދަ ތަކެއްޗަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ނުދޮވެ ބޭނުންކުރާތަކެއްޗެވެ. މީގެ އިތުރުން އާދައިގެ އަގު ހެޔޮ ހެޑްސެޓްތަކަކީ ވެސް އެކަކު ބޭނުން ކުރުމަށް ފަހު އަނެކަކަށް ދޭ އެއްޗެއްސެވެ. މިފަދަ އެއްޗެހިފަސިންޖަރުން ގެންދަން އެހާފަސޭހައިން ދޫކޮށްލަނީވެސް އެހެންވެގެންނެވެ. އެހެން ކަމުން ދެން ފަހަރަކުން ފްލައިޓުންދޭ އެއްޗެއް ބޭނުން ކުރުމުގެ ކުރިން މިކަންހަނދާންކޮށްލާށެވެ.

7. ފްލައިޓްތަކުގައި ދޭފެނަކީ، އާއްމުކޮށް ބޭނުންކުރާ ފެނަށްވުރެ ގިނައިން ބެކްޓީރިޔާ ހިމެނޭފެނެއްކަމުން މީ ބުއިމަށް އެހާ ރައްކާތެރި ފެނެއްނޫނެވެ. އެހެންކަމުން ވީވަރަކުން ޖަގުގައި އޮއްސައިގެންދޭ ފެން ބޭނުންކުރުމުން ދުރުހެލިވާށެވެ. ފްލައިޓްގައި ކައްކާފައި ދޭ ސައި އަދި ކޮފީވެސް ހަމަ މިފަދައެވެ. ނަމަވެސް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނަމަ އެންމެ ރަނގަޅެވެ.

8. ފަސޭހައިން ތަޅައިގެން ގޮސްފާނެފަދަ ބިއްލޫރިފަދަ ތަކެއްޗާއި ތާޒާ މާމެލާމެލި ފަދަ ބާވަތުގެ ތަކެތި ލަގެޖްގެ ގޮތުގައި ދޫކޮށްލަނީ"ފްރެޖައިލް" ސްޓިކަރ ޖަހާފައެވެ. ނަމަވެސް މިލަގެޖްތައްވެސް އެހެން ލަގެޖްތަކެކޭ އެއްފަދައިން ކޮޅުކޮޅުން ޖެހިއެނބުރެމުންދާނެއެވެ.

9. ފްލައިޓްތަކުގައި ދޭ ކާއެއްޗެހީގެ މިންވަރު އެއީ ދިގު ދަތުރަކަށް އެއްގޮތަކަށްވެސް ކަމުދާ މިންވަރެއް ނޫނެވެ. ބައެއްފަހަރު އަވަސްއަރުވާލާއިގެން އެއަރޕޯރޓަށްދާ މީހުނަށް ގެއިން ރަނގަޅަށް ކާން ވަގުތު ނުވެ، އެއަރޕޯރޓްއިން ވެސް އެއްޗެއް ނުކެވިއްޖެނަމަ މި ކާއެތިކޮޅުން ނުފުދޭނެއެވެ. މިފަދަ ޙާލަތްތަކުގައި އިތުރަށް ކާއެއްޗެއް ދިނުމަށް އެދުމަކީ އެންމެ ރަނގަޅު ކަމެކެވެ. ކޮންމެ ފްލައިޓަކަށްވެސް އޭގައި ތިބޭ ފަސިންޖަރުންގެ އަދަދަށްވުރެ ގިނައިން ކާއެއްޗެހިއަރުވާފައި ހުންނާނެއެވެ. އަދި މި ކާތަކެއްޗަކީ ވަރަށް އަވަހަށް ހަލާކުވާނެ ތަކެތި ކަމުން ފްލައިޓްޖެއްސުމާއެކު މިތަކެތި އުކާލުމަށް ގެންދެވޭނެއެވެ. އުކާލުމަށްވުރެ ފަސިންޖަރަކަށް ދޭން ފްލައިޓް އެޓެންޑެންޓުންވެސް ބޭނުންވާނެއެވެ.

10. ފްލައިޓް ދަތުރުކުރަމުން ދާއިރު ޕައިލެޓުން ނިދަންވެސް ނިދާނެއެވެ. ބިރުނުގަންނާށެވެ. މިކަންކުރާނީ ވަރަށް ހަރުކަށި ޤަވާޢިދުތަކެއްގެމަތިން، އަބަދުވެސް އެންމެ މަދު ވެގެން އެއް ޕައިލެޓަކު ހޭލާ، އެއަރޕޯރޓް ކޮންޓްރޯލްއާ މުޢާމަލާތުކުރުމަށް އިންނަ ޙާލަތުގައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.