Yemen

ޔަމަން ހަނގުރާމައިގައި ސައުދީ އަރަބިއާއަށް ވާގިވެރިވުން ހުއްޓާލަން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިކަން ހާމަކުރައްވާފައިވަނީ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓަށް ކުރެއްވި ހާއްސަ ޒިޔާރަތެއްގައެވެ. އެގޮތުން، ޔަމަންގައި ކުރިއަށް ދާ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި، މިކަން ހާސިލްކުރުމަށް އެމެރިކާއިން އެއްބާރުލުން ދޭނެކަމަށާއި ޔަމަން ހަނގުރާމައާ ގުޅިގެން ސައުދީ އަރަބިއާއަށް ވަމުންދާ އެހީތައް ހުއްޓާލާނެކަން ބައިޑަންވަނީ އިއުލާންކޮށްފައެވެ. އެގޮތުން، ބައެއް ހަތިޔާރު ވިއްކުންވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، އިރާންގެ އެހީތެރިކަމާއެކު އަދިވެސް ސައުދީ އަރަބިއާއަށް މިސައިލް އާއި އެހެނިހެން ގޮތްގޮތުންވެސް ހަމަލާދޭކަން ފާހަގަކޮށް، ސައުދީ އަރަބިއާގެ ދިފާއުގައި އަބަދުވެސް އެހީތެރިވާނެކަމުގެ ޔަގީންކަން ބައިޑަން ވަނީ އަރުވާފައެވެ. ބައިޑަން މިކަން ހާމަކުރެއްވުމާއި ގުޅިގެން ސައުދީ އަރަބިއާގެ ދައުލަތުގެ މީޑިއާއިން ވަނީ މިކަމަށް ސައުދީ އަރަބިއާއިން ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ޔަމަނުގައި ކުރިއަށް ދާ ހަނގުރާމައަކީ ސައުދީ އަރަބިއާ އާއި އިރާންއާ ދެމެދު ކުރިއަށްދާ "ޕްރޮކްސީ ވޯ" އެކެވެ. މި ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު، މިއީ މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ހިއުމެނިޓޭރިއަން ކްރައިސިސްގެ ގޮތުގައި އ.ދ އިން ވަނީ ސިފަކޮށްފައެވެ. ޔަމަނުގެ އާބާދީގެ 80 އިންސައްތަ މީހުންނަށް އެހީ ބޭނުންވާކަމަށް އ.ދ އިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.