Taiwan military exercise
ޓައިވާން މިލިޓަރީ އެކްސަސައިޒް -- ފޮޓޯ: ބްލޫމްބާރގް

ޓައިވާނާއި ދެކޮޅަށް ޗައިނާއިން އަޅާފައިވާ މިލިޓަރީ، ޑިޕްލޮމެޓިކް، އަދި އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން ގޮވާލައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް އަންގާރަ ދުވަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓައިވާނާއި ދެކޮޅަށް ޗައިނާއިން އަޅާފައިވާ ހުރިހާ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން ގޮވާލާކަމަށެވެ. އަދި، ޓައިވާންގެ ޑިމޮކްރެޓިކް ސަރުކާރާއި އެއްކޮށް މަޝްވަރާތައް ފެށުމަށްވެސް އެދޭކަމަށް ޕްރައިސްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުންވެސް، ޓައިވާނަކީ އެމެރިކާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށް، ޗައިނާއިން އަޅާ ފިޔަވާޅުތަކަށް ރައްދު ދެއްވާނެކަމުގެ ޔަގީންކަން ޕްރައިސް ވަނީ އަރުވާފައެވެ. އެމެރިކާއިން ޑިމޮކްރަސީގެ ދިފާއުގައި އަބަދުވެސް ތެދުވާނެކަމަށާއި، އެ ގައުމުގެ މިލިޓަރީ ބާރުތައް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ޕްރައިސް ވިދާޅުވިއެވެ.

އެމެރިކާގެ އައު ރައީސް ބައިޑަން މަގާމުގެ ހުވާ ކުރެއްވުމާއެކު އެމެރިކާ ސަރުކާރުން ޓައިވާނާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗައިނާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްގެ ތަރުޖަމާނު ވޫ ކިއަން ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ޓައިވާންގެ މިނިވަންކަމަށް ދައުވާކުރުމަކީ ހަނގުރާމަ ކުރުމަށް ގޮވާލުން ކަމުގައި ސިފަކޮށްފައެވެ. އެގޮތުން، އަލިފާނާއި ކުޅޭ ނަމަ އަމިއްލަ ގައިގައި ރޯވެދާނެކަމަށްވެސް ވޫ ކިއަން ވިދާޅުވިއެވެ.

ސައުތު ޗައިނާ މޯރނިންގް ޕޯސްޓް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޓައިވާންގެ ދިފާއުގައި އެމެރިކާ ސިފައިން އެ ގައުމަށް ފޮނުވުމަށް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ތާއީދުކުރެއެވެ. އެހެންނަމަވެސް، އެމެރިކާގެ އާންމު ރައްޔިތުން މިކަމާއި ދެކޮޅު ކަމަށްވެސް ސަރވޭ ތަކުން ދައްކައެވެ.

24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓައިވާންއަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ގައުމުން އަންނަނީ އަބަދުވެސް ބުނަމުންނެވެ. އެހެންނަމަވެސް ފާއިތުވި 70 ވަރަކަށް އަހަރުވެސް ޓައިވާން ހިންގަމުން އަައިސްފައިވަނީ އަމިއްލަ ވަކި ސަރުކާރަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.