ރިޕޯޓްސިޔާސީ

ރަައީސް ސޯލިހްގެ ރިޔާސީ ބަޔާނުގައި މަރު ކޮމިޝަނާއި، ހިޔާނާތުގެ ކޮމިޝަނުގެ ވާހަކައެއް ނެތް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްޔެ އިވިގެން ދިޔަ. އަހަން ބޭނުންވި ބައެއް ނުކުތާ ތަކަށް މި ޕޯސްޓަރުގައި އަލިއަޅުވާލެވިފައި ވާނެ -- ޖަޒީރާ ގްރެފިކްސް: އަބޯ

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ދެއްވި ތިން ވަނަ ރިޔާސީ ބަޔާނެވެ. ރައީސް ސޯލިހް، އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ދެ ރިޔާސީ ބަޔާނުގައިވެސް އެއް ވާހަކަތަކެއް ތަކުރާރުކުރެއްވި އެވެ. އޭގެތެރެއިން އެއް ވާހަކަފުޅަކީ މަރުތަކާއި، ގެއްލުވާލާއިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކެވެ. އޭގެއިތުރުން މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި، އެއާ ގުޅިފައިވާ ބޮޑު ހިޔާނާތުގެ ތަހުޤީޤްގެ ވާހަކަ އެެވެ.

ވިހިވިހީގެ ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވި ބަސްފުޅަކީ މިއީ އެވެ.

"ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން، ޔާމީން ރަޝީދާއި، އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. އެކޮމިޝަނުން ބެލި ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި، ޖަލުގައި މަރުވި ޙަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ދަޢުވާކުރަންޖެހޭ މީހުންނާމެދު ދަޢުވާކުރުމުގެ ކަންކަން ފެށުމަށް އަންނަނީ ތައްޔާރުވަމުން."

ގެއްލުވާލައިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރުމުގެ ވައުދުގެ މަތިން ހަނދާން ހުންނެވިކަން ވިހިވިހީގެ ރިޔާސީ ބަޔާނުގެ މި ޖުމްލަތަކުން އެނގެ އެވެ. އަދި ހުންނެވީ އެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވުމުގެ ވިސްނުމުގައިކަންވެސް އެނގެ އެވެ. މަރުތަކަށްފަހު ވިހިވިހީގެ ރިޔާސީ ބަޔާނުގައި ދެން ވިދާޅުވީ ހިޔާނާތުގެ ވާހަކަ، އޭގެތެރެއިންވެސް އެމްއެމްޕީއާރުސީގެ ހިޔާންތ ތަހުޤީޤްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކެވެ.

"އަދި ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަނުންވެސް މިހާރު މަސައްކަތްތައް ނިންމައި، ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެ މައްސަލަތަކުގެ ރިޕޯޓުތައް ލިބުމުން، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅަމުން ގެންދާނަން."

އަހަރެއްހާ ދުވަސް ފަހުން، ރައީސް ސޯލިހް އެމަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްވެވިއިރު މިއިން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގަ ވިދާޅެެއް ނުވެ އެވެ. ދެ އަހަރު އެ ވާހަކައެއްގެ ވަހަކަ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވުމަށްފަހު ތިން ވަނަ އަހަރަށް އެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތްއިރު، އެ ވައުދު އޮތީ އަދިއަދިވެސް ފުއްދާ ނުދެވި އެވެ.

ސުވާލީ ރައީސް ސޯލިހް މުހިންމު ދެ ވައުދުފުޅުގެ މަތިން އެމަނިކުފާނު ހަނދާނެ ނެތީތޯ އެވެ. ނުވަތަ، މައްސަލަތަކުގެ ތަހުޤީޤް ނިމިގައިނުވާތީ ގަންނާ ކުރެއްވި ލަދުން، އެ ވާހަކަދައްކަވަން ކެރިވަޑައިނުގެންނެވީތޯ އެވެ.

ރައްޔިތުންގެ މަޖިލީސް 2021 ވަނަ އަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން

މަރު ކޮމިޝަނުގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނެތުނީއޭވެސް ބުނެވޭނެ ޖާގައެއް ނެތެވެ. އެހެނީ ރިޔާސީ ބަޔާން އިއްވެވުމުގެ 24 ގަޑިއިރުކުރިން ރައީސް ސޯލިްހ ވަނީ މަރު ކޮމިޝަން އެކުލަވާލެއްވުމަށް ނެރުއްވި ޤަރާރު އިސްލާހުކުރައްވާ އެތަކެއް މަސްތަކެއްގެ މެދުކެނޑުމަކަކަށްފަހު، ކޮމިޝަނަށް ރައީސަކު އައްޔަންކުރައްވާފަ އެވެ. ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަންގެ މަތިންވެސް ރައީސް ސޯލިހު ހަދުމަފުޅު ހުންނެވިކަން އެ ކޮމިޝަންގެ ތެރެއިން "ޖަޒީރާ" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، އެ ފަޅިއަކަށް ބުރަވަނީ ސަރުކާރުން އެ ދެ މައްސަލަ ބޮޑު "ޖޯކަކަށް" ހަދާފައިވާކަމަށެވެ. އެމްްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓާއި، މަރުތަކުގެ ރިޕޯޓް މޭޒު ކޮޅުމަތީ އޮތްކަމަށް ރައީސް ވިދާޅުވިއުރު، އެކަން ހާމަނުކުރެވިގެން އުޅެނީ ކީއްވެތޯ އެއީ ރައްޔިތުން އުފައްދާ ސުވާލެވެ. ރައީސް ސޯލިހް ވަނީ މިފަހުން ބޭރުގެ އެކްސްޕާޓެއްވެސް މައްސަލައިގެ ތަހުޤޤްގެ ތެއަށް ވައްދާފަ އެވެ. ނަމަވެސް އެ ހޯދުންތައްވެސް އަދިއަދަށްވެސް އޮތީ ސިއްރަށެވެ.

މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމުގައި -- ފައިލް ފޮޓޯ

ރައީސް ސޯލިހް އެ ވައުދަކަށް ހައްސަ އަހައްމިއްޔަތުކަމެއް ދެއްވި ވައުދެއް، ނުފުއްދި، ތިން ވަނަ އަށް އިއްވެވި ރިޔާސީ ބަޔާނުގައި އެންމެ މިންވަރެއްވެސް ހިމެނިފައިނެތުމަކީ، އެ ވައުދު ފުއްދާނެކަމުގެ އުއްމީދުގައި ތިބި އެތަކެއް ރައްޔިތުންގެ މޫނު މައްޗަށް މާޔޫސްކަން ގެނުވިކަމަކަށް ނޫނީ ނުވާނެ އެވެ. ދެން އޮތީ ސަރުކާރުން ކުރިއަށް އަޅާ ފިޔަވަޅަށް ބަލަން ތިބުމުވެ.

0
1
0
0
1

ކޮމެންޓް

Your email address will not be published.

0 %