ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދެލެންޑްސްގެ މާޓިން ކޫޕްމަން އެއްބަސްވުން އާކޮށްފިއެވެ.
ކޫޕްމަން ގައުމީ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވަނީ އިތުރު ތިން އަހަރަށެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ކޫޕްމަން ބުނީ ގައުމީ ފުޓުބޯޅަ ޓީމާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފައިވާ ކަމަށެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އޭނާއަށް ކުރާ އިތުބާރަށް ޝުކުރުއަދާ ކުރާ ކަމަށްވެސް ކޫޕްމަން ވަނީ ބުނެފައެވެ.
ގައުމީ ޓީމާއި ކޫޕްމަން ހަވާލުވެފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ގައުމީ ޓީމާއި އޭރު ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ގައުމީ ޓީމާއިއެކު މިހާތަނަށް ކޫޕްމަން މެޗަކަށް ނުކުމެފައި ނުވެއެވެ. އެއީ ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ކުޅެން އޮތް ފީފާ ވޯލްޑްކަޕް، އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކާއި، ސާފް ސުޒުކީ ކަޕް މި އަހަރަށް ފަސްކުރުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް ކޫޕްމަން ވަނީ ދެ ފަހަރެއްގެ މަތިން ގައުމީ ޓީމާއި އެކު ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ.
މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ގައުމީ ޓީމުގެ ކޮލިފައިންގ މެޗުތައް މި އަހަރުގެ މާޗު މަހު ފަށާނެއެވެ. އެގޮތުން ރާއްޖެއިން ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު ވަނީ މާޗު މަހަށް ތާވަލުކޮށްފައެވެ. އަދި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ޖޫން މަހަށް ތާވަލުކޮށްފައެވެ. މީގެ އިތުރުން މިއަހަރު ސެޕްޓެމްބަރު މަހު ސާފް ސުޒުކީ މުބާރާތް ބޭއްވުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ.