އިންތިހާބަށްދާނެ ވަގުތު ލަފާކުރުމަށް ބޭއްވި އިންތިހާބުގެ ތެރެއިން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭންކުުރުމަށް ހަނި ފުރުސަތުތަކަކާއެކު، އިންތިހާބުގެ ހަރަދު ދެގު ބޮޑުވާގޮތަށް އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައިފި އެވެ.

އެޗްޕީއޭގެ ފަރާތުން މި އުސޫލު އެކުލަވާލައިފައިވަނީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ހާއްސަ ޤާނޫނަށް ގެނައި އިސްލާހާއެކު، އިންތިހާބުގެ ބޮޑެތި ބާރުތަކެއް އެޗްޕީއޭއަށް ދިނުމާއި ގުޅިގެންނެވެ. އެ އިސްލާހްގައިވާގޮތުން، އިންތިހާބުގެ ކެމްޕޭނާއި، އަދި އިންތިހާބުގެ ކަންކަން ކުރިއަށްދާނެގޮތް ކަނޑައަޅާނީ، ސަރުކާރުގެ ވުޒާރާއެއްކަމުގައިވާ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެޗްޕީއޭއިންނެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން ކެމްޕޭން ޖަލްސާތަކާއި، ރަސްމިއްޔާތުތައް ބެއްވުމުގައި ބަދަލުގައި، އެކަންކަން ކުރިއަށްގެންދިއުމަށް ބާރު އަޅާފައިވަނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ނޫންގޮތަކަށް ކުރިއަށްގެންދާނާމަ، ކުރިއަށްގެންދަންޖެހެނީ ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މަނާކެމެވެ. އެހެންކަމުން އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި އެއްވެސް ކެމްޕޭން ޖަލްސާއެއް އަދިި ރަސްމިއްޔާތެއްވެސް މިވަގުތަށް ނުބޭއްވޭނެ އެވެ.

އެހެންކަމެެއްގެ ގޮތުން، އުސޫލުގައި ދޮރުން ދޮރަށް ހިންގުމުގެ ބަދަލުގައި އެކަންވެސް ކުރިއަށްގެންދިއުމަށް ބަރު އަޅާފައިވަނީ އޮންލައިންކޮށެވެ. އެއާއި ހިލާފަށް ދޮރުން ދޮރަށް ހިނގާ، ކެމްޕޭންކުރާނަމަ، ހުންނަންޖެހެނީ ތިން ފޫޓު ދުރުގަ އެވެ.

އޭގެއިތުރުން ތާއީދު ހޯދުމަށް ދަތުރެއް ކުރާނަމަ، އެ ދަތުރުގައި ބައިވެރިވާ އެންމެން ފުރަތަމަ ޖެހޭނީ ކަރަންޓީނުވާންށެވެ. ކެމްޕޭން ހަރަކާތެއް ކުރިއަށްގެންދެވޭނީ އުސޫލުގައިވާގޮތުން ކޮންމެ ރަށެއްގައި 10 ދުވަސް ކަރަންޓީވުމަށްފަހު އެވެ.

އުސޫލުގައިވާގޮތުން އިންތިހާބުގައި ވޯޓު ގުނަންވެސް ޖެހޭނީ ތިން ފޫޓު ދުރުމިނުގަ އެވެ. އެހެންކަމުން ގިނަ ކެނޑިޑޭޓުން ކުރިމަތިލާ، އަދި ގިނަ މޮނީޓަރުންނާއި، އޮބްޒާވަރުން ހަރަކާތްތެރިވާ ފޮއްޓެއްނަމަ، ވޯޓު ގުނާ ވަގުތު ފާހަގަ ސާފުނުވުން ފަދަ ގިނަ މައްސަލަތައް ކުރިމަތިވާނެ އެވެ.

ސިއްހަތާއި ގުޅެޭ ސަރުކާރުގެ އިދާރާއިން ކޮންޓްރޯލްކޮށް ބާއްވާ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް ދެން އެންމެ ބޮޑު ގޮންޖެހުމަށްކަށްވާނީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށެވެ. އެހެނީ ކުރިއަށް އޮތް އިންތިހާބަކީ އެހެން އިންތިހާބުތަކަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެ އިންތިހާބަކަށްވާއިރު، އޮފިޝަލުންވެސް ގިނައިން ހަރަކާތްތެރިވާންޖެހެ އެވެ. އެ ބުރައިގެ މައްޗަށް އައު އުސޫލުގައިވާގޮތުން އިލެކްޝަންސް ކޮމިޝަނުން ބަދަލު އޮފިޝަލުންވެސް ނަގަންޖެހެ އެވެ. އެއީ އިންތިހާބުގެ ކަންކަން ނުހުއްޓޭނެހެން ކުރިއަށްގެންދިއުމަށެވެ.

އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ބޮޑު ހުރަހަކަށްވާނެ އެވެ. އުސޫލަށް ބަލާއިރު ކުރިއަށް އޮތް ކައުންސިލް އިންތިހާބު، ކަނޑައަޅާފައިވާ މުއްދަތުގައި ބޭއްވުުމަށްވުރެ، ނުބޭއްވުން ގާތެވެ. އެއީ ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައިވާގޮތުން އިންތިހާބު ނުބޭއްވޭނެކަމަށް އިލެކްޝަންސްއަށް ފެނިއްޖެ ހިނދެއްގައި އިންތިހާބުގެ ބޭއްވުމުގެ 30 ދުވަސްކުރިން ސަބަބުން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮތަތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާގޮތުން، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު އެވެ.

1
1
2
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.