އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ލާމަރުކަޒީ ނިޒާމު ދަންނަ ޕާޓީ އެއް ނޫންކަމަށް ބުނެ ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށި ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފާރޫގު މުހައްމަދު ނަން އަނބުރާ ގެންގޮސްފިއެވެ.
ފާރޫގު މުހައްމަދު އޭނާގެ ނަން އަނބުރާ ގެންދަން ނިންމާފައިވާ ކަން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާރޫގު ބުނެފައިވަނީ، ލާމަރުކަޒީ ނިޒާމަކީ ޕީޕީއެމް ދަންނަ ނިޒާމެއް ނޫންކަމަށެވެ. މީގެއިތުރުންވެސް، އެ ޕާޓީގެ މިހާރުގެ ހިންގުން ދޯހަޅި ކަމަށް ބުނެ ފާރޫގު ވަނީ ސަރުކާރު ހިންގާ އެމްޑީޕީއަށް ތައީދުކުރާ ކަން ހާމަކޮށްފައެވެ. އެގޮތުން، ކުޅުދުއްފުށީގެ ތަރައްގީއަށް އެންމެ ބާރު ދުވެލި ލިބޭނީ އެމްޑީޕީ ގެ ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުގެ ދަށުންކަމަށް ފާރޫގުވަނީ ބުނެފައެވެ.
"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފާރޫގަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގައި އިދިކޮޅު ޕީޕީއެމްގެ ކެމްޕޭން ރާވައި ހިންގުމަށް އެކުލަވާލާފައިވާ ސްޓިއަރިންގ ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރާ ފަރާތެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވެފައިވާ ބައެއް ކެނޑިޑޭޓުން އަންނަނީ ނަން އަނބުރާ ނަގަމުންނެވެ. އެހެންނަމަވެސް، މިއީ ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން ސިޓީ ކައުންސިލަށް ކުރިމަތި ލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބޮޑު ޕާޓީއެއްގެ ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ ފުރަތަމަ ފަހަރެވެ.