ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ވެހިކަލް ދުއްވުން މަނާ ވަގުތުގައި އިސްތިސްނާ ލިބިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. އެމަނިކުފާނު ބޭނުން ކޮންމެ ވަގުތެއްގައި، ބޭނުންތަނަކަށް، ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމުގައި، ދިވެހިން ސިްފައިން ގެންގޮސްދެއްވާނެ އެވެ. އާންމުގޮތެއްގައި ވެރިކަމުގައި ތިއްބަވާ ބޭފުޅުން ކަންކުރައްވާ ގޮތަކީވެސް އެއީ އެވެ. ގަަވައިިދުތަކާއި އުސޫލުތައް ހެއްދެވުމަށްފަހުު، ވެރިޔާއަކީ އިސްތިސްނާއެއްކަމަށް ނިންމައި، އެ ގަވައިދުތަކަކަށް، އުސޫލުތަކަކަށްވެސް އަމަލެއް ނުކުރައްވަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެރޭ ފެނުނު މަންޒަރު ތަފާތެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވާތީ، އެޅި ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ވަނީ ރޭގަނޑު 8:30 ގެ ފަހުން ވެހިކަލް ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފަ އެވެ. އެޗްޕީއޭގެ އެންގެވުމާއި އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެއް ތަނުން އަނެއް ތަނަށް ވަޑައިގެންނެވީ ވެހިކަލަކު ނޫނެވެ. ހިންގަވާފަ އެވެ. އާންމު ރައްޔިތެކޭ އެއްފަދައިންނެވެ.
When the President is following the guidelines and adhering to the vehicle restrictions, what's your excuse? https://t.co/8yEw3jst7n
— Shaah (@YoosufShaah) February 4, 2021
މިއާއެކު މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ރައީސްގެ ދެ ކަނބަލުންނަށް ތައުރީފް ކުރައްވަމުންނެވެ. އެގޮތުން، ރައީސް މިސާލު ދައްކަވައިފި ކަމަށާއި އާންމު ރައްޔިތުންވެސް އެގޮތަށް އަމަލު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ގައިޑްލައިންތަކަށް ރައީސް އަމަލުކުރައްވާއިރު، އެ ގައިޑްލައިންތަކަށް އަމަލުނުކުރުމަށް ދެއްކޭނެ އުޒުރެއް ނޯނާނެކަމަށްވެސް އެތަށް ބަޔަކު ފާހަގަކޮށްފައިވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްވަރު، ނޫސްވެރިން އަމާޒުކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދަޅުވެފައިވަނީ އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކުގައި ކަމަށެވެ. މިއަދު އެމަނިކުފާނުގެ އަމަލުފުޅުތަކުންވެސް އެ ވަނީ ރައީސް ސޯލިހަކީ ރައްޔިތުންނާއިއެކު ހުންނެވި ވެރިއެއްކަން ބުނެދީފަ އެވެ.