އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ބައިބޯ އަދި ރަސްމީ ތަންތަނުގައި ކާންޖެހިއްޖެ ނަމަ ވަރަށް ގިނައިން އެކަމާ ހާސްވެ ޖެހިލުންވާ ބައެކެވެ. ސަބަބަކީ، އެފަދަ މާޙައުލުތަކުގައި ކަންކުރަންވީ ކިހިނެތްކަން ނޭނގުމާ، ކޮށްގެން ނުވާނެ ކަމެއް ކުރެވިދާނެ ކަމަށް ހީކުރެވުމެވެ. މިފަދަ ތަނަކަށް ދެވިއްޖެނަމަ ދެން ހުންނަމީހާ ކަންކުރާގޮތް ބެލުމަކީ، ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރު ކުރުމަށްޓަކައި، ރަސްމީ ކެއުމުގެ ސުފުރާމަތީގައި ކަންތައްކުރަންވާ އެނގުން އެއީ ވަރަށް މުހިއްމު ކަމެކެވެ.

އެންމެ ފުރަތަމަ ކެއުމަކަށް ދަޢުވަތު ލިބިއްޖެނަމަ، އެ ދަޢުވަތު ގަބޫލު ކުރިކަން އަންގަންވާނެއެވެ. ކިތައްމެ ކުޑަ ހަފްލާއެއް ވިޔަސް އަންނަ މީހުންގެ އަދަދު އެނގުމަކީ، އިންތިޒާމްކުރާ ފަރާތަށް ފަސޭހަވެފައި، ފަހުން ހިތްހަމަ ނުޖެހުމާކުރިމަތި ލާންޖެހުން ދުރުވާނެ ކަމެކެވެ. ގޭގޭގައި އޮންނަ ދަޢުވަތު ނުވަތަ އަމިއްލަ މީހެއްގެ ޕާޓީއެއް ނަމަ ހަދިޔާއެއް ގެންދަންވާނެއެވެ. ހަފްލާގައި އިށީނުމުގެ ކުރިން އިށީނުމަށް ވަކި ތަރުތީބެއް ރާވާފައި އޮތްކަން ނުވަތަ ނޫންކަން ޔަގީން ކުރާށެވެ. ކެއުމުގެ ކުރިން ދުޢާ ކުރުމަކީ އިސްލާމްދީން ބާރު އަޅާ ކަމެެކެވެ. ދުޢާ ނުކުރިކަމުގައި ވިޔަސް އެހެން މީހުން ދުޢާ ކުރާ އިރު ހަމަހިމޭންކޮށް އިންނަންވާނެއެވެ.

ވަކި މީހެއްގެ ދަޢުވަތެއް ނަމަ އެ ދަޢުވަތު ދިން މީހާގެ އިޝާރާތަށް މަޑުކުރަންވާނެއެވެ. ނެޕްކިން ނަގަންވާނީ ދަޢުވަތުދިންމީހާ ނެޕްކިން ނެގުމަށްފަހުއެވެ. ނަމަވެސް ރެސްޓޯރެންޓެއްނަމަ ހަމަ އިށީންނަގޮތަށް ނެޕްކިން އަޅަންވީއެވެ. ނެޕްކިން އަކީ ކައި ނިމެންދެން އަޅާފައި އޮންނަ އެއްޗެކެވެ. ނަމަވެސް ކެއުމުގެ މެދުތެރެއިން ތަނަކަށް ދާންވެއްޖެނަމަ، މޭޒުގެ ކޮންމެސް އެއް ފަރާތެއްގައި ބާއްފާވައި ދެވިދާނެއެވެ. ކައި ނިމުމުން ނެޕްކިން ބާއްވަންވާނީ ވައަތްފަރާތުގައެވެ.

ކާންފަށަންވާނީ، އެކީގައި ތިބި އެންމެނަށް ކާއެއްޗެހި ލިބުމަށްފަހުއެވެ. ކާމޭޒުމަތީގައި އެންމެ ބޮޑަށް އޮޅުން އަރާކަމަކީ ކެއުމަށް ބޭނުންކުރާ އުލާ ސަމުސާ ފަދަ ތަކެތި ބޭނުންކުރަންވީ ރަގަޅު ގޮތް ނޭނގުމެވެ. ވަޅީގައި ކަނާތުން އަދި އުލުގައި ވަތުން ހިފާށެވެ. ވަޅިއަކީ އެއްވެސް ގޮތަކަށް އަނގައަށް ލާ އެއްޗެއް ނޫނެވެ. މޭޒުގައި އޫ ސަމުސާ އަތުރާފައި ހުންނައިރު ތައްޓާ އެންމެ ދުރުގައި އިން އޫ/ސަމުސާ/ވަޅި އެންމެ ފުރަތަމަ ބޭނުންކުރަމުން ދާނީއެވެ. ކާ މޭޒުމަތީގައި އެންމެ ބޮޑު ސަމާލުކަމެއްދޭންވާނީ، ތިމާ ކުރާ ކަމަކުން އެހެން މީހުންގެ ކަޅި ނުހުއްޓޭނެގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ.

ފޯނު ދުރުގައި ބާއްވާށެވެ. ކެއުމުގެ ތެރެއިން އަދި އެހެން މީހުން ތިބިތަނެއްގައި ފޯނާކުޅެ ހެދުމަކީ، ބޭ އަދަބީ ކަމެކެވެ. އަނގާގައި ކާއެއްޗެހި ހުއްޓާ އެއްވެސް ވާހަކައެއް ނުދައްކާށެވެ. މީހަކު ސުވާލެއް ކުރިނަމަވެސް އަނގާގައި ހުރި އެއްޗެއް ދިރުވާލުމަށް ފަހު ޖަވާބު ދޭށެވެ. ކާން ހުންނަ އެއްޗެއްގެ ރަހަ ބެލުމަށް ފަހު ނޫނީ އެއަށް ލޮނު ނުވަތަ އަސޭމިރުސް ނާޅާށެވެ. ބޮޑެތިކޮށް ހުރި އެއްޗެއް ކާނަމަ ހުރިހާ އެއްޗެއް ކުދިކޮށް ކޮށާލުމުގެ ބަދަލުގައި ފަހަރަކު އެތިކޮޅެއް ކުދިކޮށް ވަކި ކޮށްލާށެވެ. އެއްވެސް ކާ އެއްޗަކަށް ނުފުމޭށެވެ. ހޫނު އެއްޗެއް ނަމަ އިރުކޮޅަކު މަޑުކޮށްލާށެވެ. ނޫނީ ސަމުސަލުން ހަލުވާ ލައިގެން ހިހޫކޮށްލާށެވެ. އުލާސަމުސާ ހުރި ނަމަވެސް ބައެއްއެއްޗިއްސަކީ އަތުން ކާ އެއްޗެއްސެކެވެ. ކާއެއްޗަކަށް އެލަރޖިކް ނުވާނަމަ ކާން ގެނެސްފައި ހުންނަ ކޮންމެ އެއްޗެއްގެ ވެސް ރަހަ ބަލާލަންވާނެއެވެ. މޭޒުމަތީގައި އުޅަނބޮށި ނުބާއްވާށެވެ. މަޑުމަޑުން ރީތިކޮށް ހަފައިގެން އެކީގައި ތިބި އެހެން މީހުނާ އެއްވަރަށް ކަމުން ދާށެވެ. ކެއުމުގެ މެދު ތެރެއިން ވައި ލެއްވުމާއި އެހެން އަޑުތައް ލެއްވުމުން ދުރުހެލިވާށެވެ. ކެއުމުގެ ތެރޭގައި އެއްޗެއް ބަންޑުންވެގެން، ރެސްޓޮރެންޓްއެއް ނަމަ ވެއިޓަރ އަށް ގޮވާށެވެ. ގެއެއްގައި ނަމަ، އެޅުނު ކާއެއްޗެއް އަމިއްލައަށް ނެގުމަށްފަހު ލަށްޖެހިފައި ހުރިނަމަ އެތަން ސާފުކުރަންބޭނުންވާކަން ހާމަ ކުރާށެވެ. ކައި ނިމުމުން އުލާސަމުސާ ތަށި ތެރޭގައި ސީދަލަށް ބަހައްޓާށެވެ. މޭޒުކައިރީގައި އެއްވެސް ވަރަކަށް ދަތްކޮށްޓާ ނުހަދާށެވެ. އަންހެނުންގެ ލިޕްސްޓިކް ރީތިކޮށްލެވިދާނެ އެވެ. ނަމަވެސް އިތުރު މޭކަޕް ނުކުރާށެވެ.

ކައިނިމުމުން ކެއުން އިންތިޒާމްކުރި ފަރާތަށް ކެއުމުގެ ރަހައާ ގުޅޭގޮތުން ތަޢްރީފްކޮށް ދަޢުވަތު ދިންކަމަށް ޝުކުރު އަދާކުރާށެވެ. ވަކި ފަރުދެއްގެ ގެއެއްގައި ނަމަ ތަން ސާފުކޮށް ތަރުތީބު ކުރަން އެހީތެރިވާން ބޭނުންވާކަށް އަންގާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.