ހުޅުމާލެ ޖަލުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 31 އަށް އަރާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ވަގުތީ ގޮތުން ޖަލު ލޮކްޑައުންކޮށްފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. އޭރު ޕޮޒިޓިވް ވެފައިވަނީ އުމުރުން 56 އަހަރުގެ ގައިދީއެކެވެ. އޭނާ ކަރަންޓީނު ފެސިލިޓީއަށް ބަދަލު ކުރެވިފައިވާއިރު، އޭނާގެ ކޮންޓެކްޓުންގެ ސާމްޕަލް ވަނީ ނަގާފައެވެ.
ކަރެކްޝަންސް އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، 56 އަހަރުގެ މީހާ ފައްސިވުމާ ގުޅިގެން ނެގި 132 ސާމްޕަލްގެ ތެރެއިން މިހާތަނަށް 31 ޤައިދީން ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ މައުލޫމާތު ދީފައެވެ. މިހާރު ކަރަންޓީނު ފެސިލިޓީއަށް އޭގެ ތެރެއިން 7 ގައިދީއަކު ބަދަލުކުރެވިފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.
ހުޅުމާލެ ޖަލުން 31 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިހާރު ދުވާލަކު ދިވެހިރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، ޖެނުއަރީ މަހުގެ ފަހު ހަފްތާއިން ފެށިގެން އެވްރެޖްކޮށް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗެވެ. މިކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށްވެސް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ.