މަޝްހޫރު ފިލްމީތަރި މަލީހާ ވަހީދު، ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޝަރީއަތުން ކަނޑައަޅައިފިއެވެ.

މަލީހާ ވަޙީދު (މަލް)ގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާއާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދަޢުވާއެވެ. ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން މަލް ބަންދުގައި ބަހައްޓައިދިނުމަށެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި، އެންމެ ފުރަތަމަ އޮތީ، މި މައްސަލައިގައި ހިމެނޭ ދެ މީހުން ކަމަށްވާ، ހ.ސޯސަންޕްލާވަރ ފާތިމަތު ރިފްޤާ އާއި، ގދ.ގައްދޫ ކުދިލުނބޯގެ، މަލީހާ ވަޙީދު (މަލް) ގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާ އާއި ގުޅިގެން، އެ ދެމީހުންގެ ފަރާތުން، ޝަރީޢަތުގެ ކުރިން ކުރިން ހުށަހަޅާ ހުށަހެޅުން ޝަރީޢަތަށް އިއްވުމެވެ.

މަލީހާގެ ދިފާޢީ ވަކީލް ވަނީ ޖުމްލަ 8 ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި، މަލީހާ ހައްޔަރު ކޮށްފައިވަނީ، ކޯޓު އަމުރެއް ނެތި ކަން ފާހަގަކޮށްފައިވެއެވެ. އަދި މަލީހާގެ ކުޑަކަމުދާތަކެތި ތަޙުލީލް ކުރުމުގައި، ޗެއިން އޮފް ކަސްޓަޑީ ގެއްލިފައިވާކަމަށްވެސް ވަކީލް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހުށަހެޅުންތަކަށް ދައުލަތުން ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރެއް ނެތި، ކުށެއްގެ ތުޙުމަތު ކުރެވޭ މީހާ، ހައްޔަރު ކުރެވޭނެ ގޮތްތައް، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އަދި ހައްޔަރު ކޮށްފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

މަލީހާގެ ބަންދު ރިވިއު ކުރުމާއި ގުޅޭގޮތުން، ޤާޟީ ވިދާޅުވީ، މަލީހާ މިހާރުވެސް އެ ހުރީ ވަކި ޝަރުުތުތަކަކާއި އެކު ކަމަށެވެ. އެހެންކަމުން، އިތުރަށް މަލީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ކުށުގެ ވެށީގައި މަލީހާ އުޅެމުންދާނަމަ، ނުވަތަ އެފަދަ ޝަކުވާއެއް ދަޢުލަތުގެ ފަރާތުން ތަކުރާރުކޮށް ފާހަގަކޮށްފިނަމަ، ޝަރީޢަތް ނިމެންދެން، ބަންދު ކުރުމަށް މަޖުބޫރުވާނެ ކަމަށެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 12 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.