School
ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އިން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ: ޕީއެސްއެމް

ސްކޫލްތަކަށް ސެނެޓައިޒާ ފުޅިއާއި މާސްކް މިނިސްޓްރީ އޮފް ހެލްތުން ހަދިޔާކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، ހެލްތު މިނިސްޓްރީ އިން ވަނީ 2،880 ސެނިޓައިޒާ ފުޅިއާއި 30،000 މާސްކް ހަދިޔާކޮށްފައެވެ. މިއީ ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހެލްތު މިނިސްޓްރީ އިން ހަދިޔާކޮށްފައިވާ މާސްކް އަދި ސެނިޓައިޒާ ފުޅިތަކެކެވެ.

މި ތަކެތި ހަދިޔާ ކޮށްދެއްވާފައިވާތީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވަނީ ހެލްތު މިނިސްޓަރ އަހްމަދު ނަސީމްއަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތައް ކަންބޮޑުވާ މިންވަރަކަށް ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރަމުންދާއިރު ސްކޫލްތައް ހުޅުވައިގެން ކިޔަވާދޭތީ އާއްމުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ނެރުއްވި ބަޔާނުގައި ވަނީ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާ ހޯދަމުންދާ ކަމަށެވެ. އަދި މިހާތަނަށް ސްކޫލްތައް ބަންދުކޮށްފައި ނުވަނީ ދަރިވަރުން ސްކޫލަށް ދިއުން ހުއްޓާލައިފިނަމަ، އެކަމުގެ ނޭދެވޭ އަސަރުތައް ދަރިވަރުގެ މުޅި ޢުމުރަށް ކުރާނެތީ ކަމަށް އެބަޔާނުގައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަކީ މިނިސްޓްރީން އެންމެ އިސްކަން ދޭ ކަންތައް ކަމަށާއި އެކުދިންނަށް ފާގަތި މުސްތަޤްބަލެއް ލިއްބައިދިނުމަށްޓަކައި، ކިޔަވައިދޭ ވަގުތު ހިމާޔަތްކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި އެކަން ކުރުމަށް މިނިސްޓްރީއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީ އިން ވަނީ އަރުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.