A level
ރާއްޖޭގެ ސްކޫލެއްގައި މީގެކުރިން އޭ ލެވެލް އިމްތިހާން ހަދަމުންދަނީ -- ފޮޓޯ:އަވަސް

މި ހިނގާ 2021 ވަނަ އަހަރު މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދާ އިނގިރޭސިވިލާތުގެ ޕިއަރސަން އިން މިގޮތަށް އަންގާފައިވަނީ އިއްޔެގެ ހަވީރު 18:35 ގައެވެ. އެގޮތުން، މޭ/ޖޫން ގައި ކުރިއަށް ގެންދާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ކުރިއަށް ނުގެންދާ ގޮތަށް ޕިއަރސަން އިން ވަނީ ނިންމާފައެވެ. އަދި، މި އިމްތިހާނުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން އެހެން ގޮތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައި، އެކަމާއި ގުޅޭ ތަފްސީލް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާންކުރާނެ ކަމަށްވެސް ޕިއަރސަން އިން ވަނީ ބުނެފައެވެ.

މޭ/ޖޫން އިމްތިހާނު ކެންސަލް ކުރި ނަމަވެސް، އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ބާއްވާނެކަމަށްވެސް ޕިއަރސަން އިން ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ، ޕިއަރސަން ގެ މި ނިންމުމުގެ ސަބަބުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން ކުރިއަށް ގެންދާ އޭ.އެސް/އޭ ލެވެލް އެޕްލިކޭޝަން މަރުހަލާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި މިހާރު ތާވަލުކުރެވިފައިވާ ގޮތަށް މިކަންކަން ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

މީގެއިތުރުންވެސް، އިމްތިހާނަށް ދަރިވަރުން ތައްޔާރުވުން ހުއްޓާނުލުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އަންގާފައެވެ. އެގޮތުން، މި އިމްތިހާނުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށްގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށްޓަކައި މިހާރު އެޑެކްސެލްއާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި މިކަމުގައި ދަރިވަރުންނާއި، ސްކޫލްތައް އަދި ބެލެނިވެރިންގެ މަޝްވަރާވެސް ހޯދުމަށްވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.