މަސްވެރިންގެ ދުވަސް ކޮޅުމަޑުލު ވަންދޫގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.

ވަންދޫއަކީ މަސްވެރިން ގިނަ ރަށެކެވެ. އަދި އެރަށުގެ ގިނަ މީހުން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަކީ މަސްވެރިކަމެވެ.

މަސްވެރިންގެ ދުވަސް ފާހަގަކޮށް، އެމީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ވަންދޫ ކައުންސިލުން ވަނީ މަސްވެރިންގެ ހުރި ދަތިތައް ދެނެގަތުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައި، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ގާތުން އަޑު އަހާފައެވެ.

އަދި އެރަށުގެ ދެ ދޯނީގެ ފަޅުވެރިންގެ މެދުގައި މިއަދު ހަވީރު ވަނީ ވަރަށް ހާއްސަ ފުޓްބޯޅަ މެޗެއްވެސް ކުޅެވިފައެވެ.

ވަންދޫ ކައުންސިލްގެ ރައީސް ގިޔާސް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަސްވެރިންގެ މެދުގައި ފުޓްބޯޅަ މެޗެއް އިންތިޒާމުކޮށް ބޭއްވީ، މަސްވެރިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަން އާލާ ކުރުމަށް ކަމަށެވެ.

"މަސްވެރިންގެ މެދުގައި އޮންނަ ގާތް ގުޅުން އާލާކޮށް، އެކުވެރިކަން ބަދަހި ކުރުމަށް އަޅުގަނޑުމެން ފުޓްބޯޅަ މެޗެއް މި ބޭއްވީ" ގިޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަންދޫ ކައުންސިލުން ވަނީ މަސްވެރިންގެ ހަވީރެއް ބާއްވާ، އެންމެ ޒުވާން އަދި އެންމެ ދޮށީ މަސްވެރިޔާ ހޮވައި އެފަރާތްތަކަށް އިނާމު ދީ ހިއްވަރު ދެއްވާފައެވެ.

މަސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަންދޫ ކައުންސިލުން ވަނީ މަސްވެރި އާއިލާތަކުގެ ގޭބިސީތަކުގެ މިމަހުގެ ކަރަންޓު ބިލުގެ 15 އިންސައްތަ ކައުންސިލުން ދައްކައިދޭ ގޮތައް ނިންމާފައެެވެ.

އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ވަންދޫއަކީ އެކުވެރި އަދި އެއްބައިވަންތަ ރައްޔިތެއް ދިރިއުޅެމުން އަންނަ ނަމޫނާ ރަށެކެވެ. އަދި އެރަށުގެ ކައުންސިލަކީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ގާތުން މަސައްކަތް ކުރާ ބައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.