5 އަހަރުގެ ޖަލުހުކުމެއް ތަނފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ، މާލޭގައި ހުންނަ އދ.އޮފީސް ކުރިމަތީ އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާކޮށްފިއެވެ.

އދ. ގެ އޮފީސް ކައިރިއަށް ޖަމާވި ފަރާތްތަކުން ތިބީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިނގިރޭސި ބަހުން ލިޔެފައިވާ ޝުއޫރުތައް ހިމެނޭ ބޯޑުތަކެއް ހިފަހައްޓައިގެންނެވެ. އަދި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓާލައި ކުށެއް ނެތް މީހުން ހައްޔަރުކުރުން ހުއްޓާލުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކް ބުނީ މިއީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ ދެކޮޅަށް އަދި ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިއަދު މުޒާހަރާއެއް ބާއްވާފައިވާއިރު ދާދިފަހުން ޔާމީންގެ މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ދާދިފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ކުރިން ޔާމީން ގެއަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޝިޔާމު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އިދިކޮޅު ކޯލިޝަނުންވަނީ ރައީސް ޔާމީނު ގެ ބަންދާއިބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ދާދިފަހުން ރަޢީސް ސޯލިހުއާވެސް ބައްދަލުކުރައްވާފައެވެ. އެހެންނަމަވެސް މިބައްދަލުކުރެއްވުމާއި ބެހޭ އެއްވެސް މަޢުލޫމާތެއް މީޑިއާއި ހިއްސާނުކުރައްވާކަންވެސް ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *