ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މިހުކުމް ކޮށްފައި މިވަނީ ހާބަރު ފުޑްކޯޓުގެ ޔުނިޓް 22 ކުއްޔަށް ހިފުމަށް ފަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައިގައި، އެސްޓީއޯއިން ނިހާނުގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގުޅިގެންނެވެ.

އެސްޓީއޯއިން ދައުވާކޮށްފައިވަނީ އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެފައިސާ ހޯދުމަށެވެ. ކުއްޔާއި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

ފުޑް ކޯޓްގެ ޔުނިޓް 22 އަށް ކޮންމެ މަހަކު 75،945 ދައްކަންޖެހެ އެވެ. އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައިވަނީ 2018 އޮގަސްޓް މަހުން ފެށިގެން ނިހާން އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ނިހާން އާއި އެސްޓީއޯއާ ދެމެދު 04 ޖޫން 2018 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުޑްކޯޓުގެ ޔުނިޓް 22 ނިހާނަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފައިވާކަން އެނގޭ ކަމަށެވެ.

އެހެން ނަމަވެސް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާތީ އާއި، ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި ޖޫން، 6، 2019 ގެ ނިޔަލަށް 893،901.97 ރުފިޔާ އާއި ކުލީގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 65،460.28 ރުފިޔާއާ އެކު ޖުމްލަ 959،362.25 ރުފިޔާ ނިހާންގެ ފަރާތުން އެސްޓީއޯއަށް ދައްކަންޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ސިވިލް ކޯޓުން ނިހާނުގެ މައްޗަށް އޭނާގެ ޤައިރު ހާޒިރުގައި ކުރި މިހުކުމުގައި ވާގޮތުން މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭ ވަރު، އެ މަހަކު ދައްކަމުން ގޮސް އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ނިހާންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ނިހާން ވަނީ ދާދި ފަހުން ޕީއެންސީ ދޫކުރައްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *