Mohamed Jameel Ahmed
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުން ފެނިގެންދިޔައީ މި ސަރުކާރުގެ ހުދުމުހުތާރުކަން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން ޓްވީޓް ކުރައްވަމުން ޖަމީލްވަނީ މި ސަރުކާރަކީ ހުދުމުހުތާރު އަދި ފެއިލްވެފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން، މިއަދުގެ ރިޔާސީ ބަޔާނުން ފެނިގެންދިޔައީ ހުދުމުހުތާރުކަން ކަމުގައި ޖަމީލް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިކުރާ ކަމަށާއި މިހާރު އިދިކޮޅަށް ތަހައްމަލްނުކުރެވޭ މިންވަރަށް ހައްގުތައް ހަނިކޮށްފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ފުލުހުންނާއި އެހެނިހެން ޔުނީފޯމް މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ފްރޭމްކުރުން އާންމުވެއްޖެކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ. މަސްތުވާތަކެއްޗާއި ވައްކަން ފެޝަނަކަށްވެ މުޅި ދައުލަތަކީ ފެއިލްވެފައިވާ ދައުލަތެއްގެ ގޮތުގައި ޖަމީލް ވަނީ ސިފަކޮށްފައެވެ.

 

 

ޖަމީލް މިގޮތަށް ސަރުކާރު ސިފަކޮށްފައިވާއިރު، އެމަނިކުފާނު ވަނީ ހަމަ މިފަދައިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުވެސް ސިފަކޮށްފައެވެ. އެހެންނަމަވެސް، މިހާރު ޔާމީންގެ ލޯޔަރުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޖަމީލް އަންނަނީ އިދިކޮޅު ހަރަކާތްތަކުގައި އަމަލީގޮތުންވެސް ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މިއަދު ރައީސް ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅުންވަނީ މަޖިލިސް ސަރަހައްދުގައި އިހުތިޖާޖްވެސް ކޮށްފައެވެ. ރިޔާސީ ބަޔާނުގައި ރައީސް މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ ކޮވިޑް-19 ގެ ހާލަަތުގައި މިދިޔަ އަހަރު ސަރުކާރުން ކޮށްފައިވާ ހަރަދުތަކާއި އަދި މި އަހަރު ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި މަޝްރޫއުތަކަށެވެ. ރައީސް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ވަޒީފާތަކަށް އަސަަރުކުރި ފަރާތްތަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ ކަމަށާއި، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ކަނޑާލައި އަދި ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން މަސްވެރިންނަށް އެހީވެ ދިނުމުގެ ގޮތުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 3.55 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި އަހަރު ތެރޭގައި ސަރުކާރުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލުމުން ރައީސް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމާއި، އިތުރު 5000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށެވެ. އަދި އިޖްތިމާއި ގޮތުން ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ހޯދުމަށް މި އަހަރު ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *