ކާމިޔާބު ހޯދަން އެންމެ މުހިއްމު އެންމެ ބޭނުންތެރި އެއްޗަކީ އަހުލާޤު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުތު އޭޝިއާ ގޭމްސް އިން މެޑެލްތައް ހާސިލްކުރި، ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމާއި އެތުލީޓުންނާ ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ރައީސް ވިދާޅުވީ، ކިތަންމެ ހުނަރެއް ހުރި ނަމަވެސް އަހުލާޤު ނެތްނަމަ ކާމިޔާބު ނުވާނެ ކަމަށާއި ރަނގަޅަށް ޓްރެއިން ވުމަށްވެސް ބޭނުންވަނީ ރަނގަޅު އަހުލާޤެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ހުނަރުވެރި ބައެއް ކުޅުންތެރިން ވަކި ހިސާބަކުން ކުޅިވަރާއި ދުރައް ދާން ޖެހެނީ އަހުލާޤު ހުންނަ ގޮތުން ކަމަށެވެ.

ރައީސް ވިދާޅުވީ، ރަނގަޅަށް ޓްރެއިން ކުރުމާއި ރަނގަޅަށް ސިއްހަތު ސަލާމަތުން ބެލެހެއްޓުމަކީ ކުޅިވަރުގައި އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރި ދެކަންތައް ކަމަށެވެ.

"އަޅުގަނޑު ތިކުދިންނަށް ދޭން އޮތް ނަސޭހަތަކީ ކާމިޔާބު ހޯދުމަށްޓަކައި އެންމެ މުހިއްމު، އެންމެ ބޭނުންތެރި، އެއްޗަކީ އަހުލާގު، ޑިސިޕްލިން، ރަނގަޅަށް ޓްރެއިނިންގ ކުރުމުގައިވެސް ބޭނުން ވަނީ ޑިސިޕްލިން އެ ނެތިއްޔާ ކިތަންމެ ހުނަރެއް ހުރި ކުއްޖެއްވިޔަސް ކާމިޔާބާ ހިސާބަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ފެނިފަ އެބަހުރި ވަރަށް ހުނަރުވެރި ކުޅުންތެރިން، ވަރަށް ހުނަރުވެރި އެތުލީޓުން، އެހެން ނަމަވެސް ވަކި ހިސާބަކުން ކުޅިވަރާ ދުރަށްދާން ޖެހެނީ އެކުދިންގެ އަހުލާގު ހުންނަ ގޮތުން، ޑިސިޕްލިން ރަނގަޅަށް ނުހިފެހެއްޓިގެން، އެހެންވީމަ ރަނގަޅަށް ޓްރޭން ކުރުމާއި ރަނގަޅަށް ސިއްހަތު ސލާމަތުން ބެލެހެއްޓުމާއި މިއީ ކުޅިވަރުގައި އެންމެ ބޭނުންތެރި، އެންމެ މުހިއްމު ދެކަންތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއް އެބަތިބި ކަމަށާއި، މުސްތަޤުބަލުގައި ރާއްޖެއަކީ ކުޅިވަރުގެ ރޮނގުން ކާމިޔާބީތަކެއް ހޯދިދާނެ ޤައުމެއްކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.