ރިޒޯޓްތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ހާމަކޮށްފައިވާ ގޮތުގައި، ރިޒޯޓް މިއުޒިޝަނުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.
ރިޒޯޓްތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ވަނީ ފެށިފައި. މިކަމުގައި @MoTmvގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު @NCA_MDVއިން ހާމަކުރަމުންދާނެ.#COVID19Dhifaau #AaUmmeedhu pic.twitter.com/ReZFgfKjLI
— Ministry of Arts, Culture and Heritage (@MoACHmv) February 4, 2021
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން، ރިޒޯޓް މިއުޒިޝަނުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކުރެވިފައިވާ ވެކްސިންގެ ޕޯޝަނެކެވެ.
މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން މިނިސްޓަރ އޮފް ކަލްޗަރ ޔުމްނާ މައުމޫން ވިދާޅުވީ، ރިސޯޓަތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންނަށް ވެކްސިން ދޭން ފެށުމުން އުފާކުރައްވާ ކަމަށެވެ. ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ބަޔަކީ ފަންނާނުން ކަމުގައިވާއިރު ފަންނާނުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
ރިޒޯޓް މިއުޒިޝަނުންނަށް ވެކްސިން ހޯދުމަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އާރޓްސް (އެން.ސީ.އޭ) އިންނެވެ. އެގޮތުން، އެކަމަށް ހާއްްސަ ކުރެވިފައިވާ ޕޯޓަލް (https://t.co/RaBXB1m6cq?amp=1) މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެކަމަށް އެން.ސީ.އޭ އިން ވަނީ ހާމަކޮށްފައެވެ.