ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ ބޭނުންކުރާ މިންވަރު އިތުރުކުރާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ރިޔާސީ ބަޔާނާއި ގުޅުވައިގެންނެވެ.
މި ބަޔާނުގައި، ރައީސްވަނީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިގްތިސާދު އާރާސްތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކޮށްފައެވެ. އަދި، މިހާރު ދިވެހިރާއްޖޭގައި ދިމާވެގެންއުޅޭ ޑޮލަރުގެ ދަތިކަމަށްވެސް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމަށް މަސައްކަތް މި އަންނަނީ ކުރަމުން.
މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ނިޒާމަށް މި އަހަރުތެރޭގައި އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެ މަސައްކަތް މިހާރުވެސް ފެށިފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ނިޒާމަށް މި އަހަރުތެރޭގައި އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. މީގެ ސަބަބުން ރާއްޖޭގައި ކުރެވޭ ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ ބޭނުންކުރެވޭ މިންވަރު އިތުރުކޮށް pic.twitter.com/onSUDhNojr
— އިބްރާހިމް އަމީރު (@iameeru) February 4, 2021
މި ބަދަލުތައް ގެނައުމާއެކު ރާއްޖޭގައި ކުރެވޭ ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ ބޭނުންކުރެވޭ މިންވަރު އިތުރުކުރެވިގެން ދާނެކަމަށް އަމީރު ވިދާޅުވިއެވެ. މީގެ ސަބަބުން ޒަމާނުއްސުރެ ދިވެހި ފަރުދުންނާއި ކުންފުނިތަކަށް ބޭނުންވާ ބޭރުފައިސާ ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލު ހޯދޭނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މިހާރު ދިވެހިރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން، 15.42 ރޭޓުގައި ވިއްކަމުންދާ ޑޮލަރު މިހާރު ކަޅު ބާޒާރުގައި ހުރީ 18ރ އަށްވުރެ މަތީގައެވެ.