ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމަކީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާންޖެހޭ ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ، މި ސަރުކާރުގެ އިންތިޤާލީ ޢަދާލަތުގެ ތެރެއިން، އެ ނުބައި ޘަޤާފަތް، ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި ޢާންމު އިޖުތިމާޢީ ހަމަތަކުން ބަލާއިރު، ކޮންމެ މީހަކަށްވެސް ބޭނުންވާ އެންމެ އަސާސީ އެއް ޙައްޤަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޙައްޤެއް ކަމަށް ރައީސް ވިދާޅުވިއެވެ.

 "ނަމަވެސް، މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަބުރުގެ ޤާނޫނެއް ފާސްކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އޮތީ، ކަސްތޮޅު އަޅުވާފައި. އަޅުގަނޑު ދެކޭގޮތުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމަކީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާންޖެހޭ ކަމެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޤާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ އެމަނިކުފާނު ތަޞްދީޤު ކުރި ބިލަކީވެސް، އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލް ކަމަށާއި، އޭގެ ބޭނުމަކަށްވީ ޤާނޫނުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން  ރައްޔިތުނަށް ހޯދައިދިނުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.