ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މިއަދު ވެކްސިން ދޭން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް ސެންޓަރުގައި ރަސްމިއްޔާތެއް ވެސް ބާއްވާފައިވެއެވެ. މިއަދު އެއަރލައިންތަކުގައި މަސައްކަތްކުރާ ކުރާ ފަރާތްތަކަށް ވެކްސިން ދޭން ފަށާފައިވާއިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތަކަށްވެސް ވެކްސިން ދޭން ފަށާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެކްސިންޖެހުމުގެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރިސޯޓުތަކުގައި ވެސް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ފެށީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އިއްޔެ އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 1،578 މީހަކަށް ވަނީ ވެކްސިން ދީފައެވެ.