ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް މިއަދު އިފްތިތާހުކޮށްފިއެވެ.
މަޖިލީހުގެ ގިނަ ދުވަސްވީ ލިޔުންތަކާއި ޔައުމިއްޔާތަކާއި، މަޖިލީހުގެ ކަން ހިންގަމުންދިޔަގޮތުގެ ލިޔުންތަކާއި އަދި ކުރީއްސުރެ ފަށައިގެން އުފެދިގެން އައި ޤާނުނުތައް ފެންނަގޮތަށް ހުންނަ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
މަޖިލީހުގެ ކުތުބުޚާނާއިން މިވަގުތު ފޯރުކޮށްދެމުންދާ ޚިދުމަތްތައް:
- މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ފޮތް ދޫކުރުމުގެ ޚިދުމަތް
- ރިފަރެންސްގެ ޚިދުމަތްތަކާއި އަދި ކޮމްޕިއުޓަރ ޓާމިނަލްތަކުގެ ޚިދުމަތްތައް
މަޖިލީހުން ބުނީ މި ކުތުބުޚާނާގެ ޚިދުމަތް ކޮންމެ އާދިއްތައަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށް އަދި ރަމަޟާން މަހު ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އާއި ހަމައަށް ލިބޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއިން ޢާންމު މަޢުލޫމާތު، ރިފަރެންސް، ދިވެހިރާއްޖެއާ ގުޅުންހުރި މަޢުލޫމާތު އަދި ޚާއްސަ ކަލެކްޝަންތައް ލިބޭނެ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ. އަދި ޚާއްސަ ކަލެކްޝަންތަކުގެ ދަށުން ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅުންހުރި މަޢުލޫމާތުތަށް ވެސް ލިބޭނެ ކަމަށް މަޖިލީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އެންމެ ފުރަތަމަ ހުޅުވީ 2006 ގައެވެ. އޭރު ޖާގައިގެ ދަތިކަމާއި ގުޅިގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އުދަގޫތަކާއި ކުރިމަތިވިއެވެ. އެހެންނަމަވެސް މަޖިލީހުގެ އައު އިމާރާތް ހުޅުވުމުގެ ސަބަބުން މިކަމަށް ހައްލެއްލިބިގެން ދިޔަ ކަމަށް މަޖިލީހުން ބުންޏެވެ. މަޖިލީހުން ހާމަކުރިގޮތުގައި މަޖިލީހުގެ ލިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފެށުނީ 2019 ގައެވެ.