އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޝީލްޑްގެ ވެކްސިން މި މަސް ތެރޭގައި ޖަހައި ނިންމާލެވޭނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެ ހަދިޔާކުރި 100،000 ޑޯޒްގެ ވެކްސިނެވެ. މި ޑޯޒްތަކުން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އެންމެ ފުރަތަމަ އިސްކަމެއް ދެނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބައްޔަށް ހުށައެޅުމުގެ ނުރައްކާ ބޮޑު މީހުންނަށެވެ.
ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ޖަހާއިރު ބަލަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން މައިމޫނާ ފާހަގަކުރެއްވިއެވެ.
ހެލްތް ކެއާ ވޯކަރުންނަކީ ބަލި މީހުންނަށް އެޓެންޑް ކުރަމުން އެ މީހުން ބަލަމުން މަސައްކަތުގައި އުޅޭ މީހުން. މީގެ ސައިޑް އިފެކްޓްސް ވެސް ދިމާވާނެ. އެހެންވީމާ ޑިއުޓީތަކަށާއި، މި ހުރިހާ ކަމަކަށްވެސް ބަލަމުން ވެކްސިންދެމުން މި ގެންދަނީ
މައިމޫނާ ވިދާޅުވި ގޮތުގައި ފުރަތަމަ އަމާޒުކޮށްފައި އޮތީ ސިއްހީ ހިދުމަތްތެރިންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖަހައި ނިންމާލެވޭނެ ކަމަށެވެ. ވެކްސިންގެ އެންމެ ބޮޑު އަމާޒަކީ ކޮވިޑުގެ ނުރައްކާތެރިކަން ކުޑަކުރުން ކަމަށްވާއިރު ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ޖަހަމުންދާއިރު ނުރައްކަލަށް ހުށައެޅޭ ހައިރިސްކު ކެޓަގަރީ ގައި ހިމެނޭ އެހެނިހެން ފަރާތްތަކަށްވެސް ވެކްސިން ދިނުން ކުރިޔަށްދާނެކަން ފާހަގަކުރެއްވިއެވެ.

ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް
ފޮޓޯ: ހެލްތް މިނިސްޓްރީ
މާލޭގައި މިއަދު ވަނީ 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައެވެ.
ވެކްސިން ޖެހުން މާލޭގައި ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގައެވެ. އަދި ހުޅުމާލޭގައި ވެކްސިން ޖަހަމުން ދާނީ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައެވެ.
މައިމޫނާ ވިދާޅުވި ގޮތުގައި މިހާރު ހުރި ވެކްސިން ޑޯޒް ޖަހައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ލަފާކުރެވޭ ގޮތުގައި މިހާރު ކުރިޔަށް މިގެންދާ އަދަދު މި މަސް ނިމޭއިރު ނިންމާލެވޭނެ. ވަރަށް ބޮޑު ޔަގީންކަމެއްް އެބައޮތް
ކޮމިޓީގައި މައިމޫނާ ވަނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައި ހުރިހާ ފަރާތްތަކުން ވެކްސިން ޖަހަން އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ވެކްސިން ޖަހަން ފެށި ދަނޑިވަޅަކީ ކޭސްތައްވެސް އިތުރުވަމުން އަންނަ ދަނޑިވަޅަކަށްވާތީވެ މާލޭގައި އަޅަފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ.