ޚަބަރުރިޕޯޓް

ރައީސް ސޯލިހްގެ މަސައްކަތްތަކަށް ތައުރީފް ކުރައްވައި، ރައީސް ނަޝީދު ސުކުރު ސަރުކާރަށް!

ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެންނެވިއުރުވެސް އިދިކޮޅު މެމްބަރުންގެ އަޑު ގަދަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު ދެ ބޭފުޅުން މަޖިލީހުގެ ރިޔާސަތުގައި އިށީދެވަޑައިގެންނެވުމާއެކު އިތުރަށް އަޑުގަދަވެގެންދިޔަ އެވެ.

މަޖިލީހުގެ ޖަލްސާ ފެއްޓެވިކަން ހާމަކޮށް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ފެއްޓެވީ ވަރަށް ޖޯޝާއެކުގަ އެވެ. އަައްނަބީލާ ފާތުމަތު ހަސަން ދީދީ (ތުއްތުގޮމާ) ގެ ނަންފުޅު ފާހަގަކުރައްވާ ރައީސް ނަޝީދުގެ ވާހަކަފުޅު ކުރިއަށްގެންދިޔައިރު، ހިނިތުންވެވަޑައިގަންނަނަވަމުންގެންދިޔަ އެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީސް އަހަރަށް ހުޅުއްވައިދެއްވުމަށް އަޑަށް ބަރުލައްވައި، ޖޯޝާއެކުގައި ރައީސް ސޯލިހަށް ދައުވަތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ރައްޔިތުންގެ މަޖިލީސް ވިހި އެކާވީސް ވަނަ އަހަރަށް ހުޅުވާދެއްވާނީ، ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް" ކަމަށެވެ.

މަޖިލިސް ހުޅުއްވައިދެއްވާ، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް އެންމެ ފުރަތަމަވެސް ފެއްޓެވީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެވެ.

ރައީސް ސޯލިހް ވިދާޅުވީ "މީގެ އެއް އަހަރު ކުރިން، ތިޔަ ޢިއްޒަތްތެރި މެންބަރުންނާ، މިމަޤާމުގައި އަޅުގަނޑު ބައްދަލުކުރި އިރު، ރާއްޖޭގެ ޙާލަތު އޮތް ގޮތާ އަޅައިބަލާއިރު، މިހާރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ޙާލަތެއްގައި. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަޤްދީރުގެ ނިޔާގެ މަތިން، ކަންކަން ބަދަލުވެ ފުރޮޅިގެން ދިޔައީ، އަޅުގަނޑުމެން ތަދުބީރުކުރި ރޭވުމާ މުޅިން އެއްގޮތަކަށް ނޫން." ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ: މަޖިލިސް

މުޅި ވާހަކަފުޅުގެ ތެރެގައި ރައީސް ސޯލިހް ވަނީ، ކޮވިޑުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތައް ވަރަށް ތަފްސީލްކޮށް ހިއްސާކޮށްދެއްވަފަ އެވެ. އެގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކާއި މިއަހަރު، ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމަށް ސަރުކާރުގެ އަމާޒު ހުރި ގޮތް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ރިޔާސީ ބަޔާން ނިންމަވާލައްވަމުން ރައީސް ސޯލިހް ޝުކުރު އަދާކުރެއްވީ އެމްޑީޕީ އަދި ކޯލިޝަންގެ މަޖިލީސް މެމްބަރުންނަށެވެ.

ރައްޔިތުންނަށް ޚިދުމަތްކުރަން އަޅުގަނޑުމެން ނުކުމެ ތިބި އިރު، މިކަމުގައި އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، މި ޢިއްޒަތްތެރި މަޖިލީހުންކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އެކަމުގައި އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނާއި، އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުން މިމަޖިލީހުގެ ތަޅުމުގަޔާއި ކޮމިޓީތަކުގައި ކުރައްވާ ބުރަ މަސައްކަތްތަކަށްޓަކައި، މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި، ނައިބު ރައީސަށް އަދި ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު ރިޔާސަތުގައި އިންނެވި ރައީސް ނަޝީދުގެ ތައުރީފްގެ ބަސްތައް އަމާޒުވީ ރައީސް ސޯލިހަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި މުޅި ދުނިޔެއަށާއި ދިވެހި ރާއްޖެއަށް ކުރިމަތިިވި އުނދަގޫތަކުން ރައްޔިތުންނާއި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެވުނީ ރައީސް ސޯލިހުގެ ހިކުމަތްތެރި، ކެތްތެރި، ވިސްނުންތެރި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ މިދިޔަ އަހަރު ދައުލަތް އޮތް ގޮތް. ދިވެހިންގެ އާއްމު ސިއްހަތަށް ވީގޮތް. މިހާރު އާއްމު ސިއްހަތް ހުރި ގޮތް. އިއްޒަތްތެރި މެމްބަރުންނަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވެދެއްވައިފި އެއޮތް ގޮތުގެ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް 2021 ވަނަ އަހަރުގެ މިސްރާބު، ރާސްތާ، ރައިސުލްޖުމްހޫރިއްޔާގެ އަމާޒު. ރައިސުލްޖުމްހޫރިއްޔާއަށް އިހުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން. އަދި މަނިކުފާނުގެ މަސައްކަތްޕުޅުގައި ބަރަކާތްލެއްވުމަށް އެދި ދުޢާ ކުރަން.

ރައިސުލްޖުމްހޫރިއްޔާ ދެންމެ ރައްޔިތުންގެ މަޖިލީހަށް އެ އިއްވަވާ ދެއްވި ރިޔާސީ ބަޔާނުގައި އެވަނީ މި ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި މުޅި ދުނިޔެއަށާއި ދިވެހި ރާއްޖެއަށާއި ކުރިމަތިިވި ދުވަހަކުވެސް ނުދެކޭ ފަދަ ދަތި އުނދަގޫތަކުން ދިވެހި ރައްޔިތުންނާއި މިދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންނެވީ ހިކުމަތްތެރި، ކެތްތެރި، ވިސްނުންތެރި ގޮތްތަކާއި ސިޔާސަތުތައް.

ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާ ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަން ތަންފީޒުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެރުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު، ދެ ރައީސުން އެކުގައި ފެނުނުއިރު، ހީނަރުވެފައިވާ ގުޅުމުގެ ބަދަލުގައި މުޅިން ފެނިގެންދިޔައީ، ދައުލަތް ކޮޅަޖެހުމުގެ އަޒުމުގައި ތިބި ދެ ބާރުގެ ވެރިންގެ ގާތްކަމާއި އެކުވެރިކަމެވެ. ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ދެބޭފުޅުން އެކުގައި ތިއްބެވިކަމެވެ.

2
0
0
0
0

1 ކޮމެންޓް

  1. ލިޔެފައި މިއޮތް ސްޓައިލް ވަރަށް ހިތްގައިމު. ކަންކަން ސިފަކޮށްދިނުން އަދި އިމޯޝަންސް ވަރަށް ރީއްޗަށް ސިފަވޭ.

ކޮމެންޓް

Your email address will not be published.

0 %