ރައީސުލްޖުމްހޫރިއްޔާގެ ނައިބާއިއެކު ހެލްތު މިނިސްޓަރ އަހުމަދު ނަސީމް -- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ނިޒާމު ލާމަރުކަޒުކުރުމުގެ މަސައްކަތް ނުހުއްޓި މިއަހަރުވެސް ކުރިޔަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް، އެމަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާއަކީ ސިއްހީ ދާއިރާކަމަށެވެ. އެގޮތުން ސަރުކާރުން ހިންގާ އެންމެ ބޮޑު އެންމެ މުހިންމު މަޝްރޫޢަކީ، ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދޭނެ ގޮތް ހަމަޖައްސައިދިނުންކަން ފާހަގަކުރައްވައި ލާމަރުކަޒީ ނިޒާމުން، ރައްޔިތުންނާ ވީހާގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، ރާއްޖޭގެ 5 ސަރަޙައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތް މިއަހަރުގެ ތެރޭގައިވެސް، ނުހުއްޓި ކުރިއަށް ދާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ 5 ސަރަޙައްދުގައި ޓާޝަރީ ޚިދުމަތްތައް ތަރައްޤީވަމުން އަންނަ ވަރަކަށް، ޞިއްޙީ ޚިދުމަތް ހޯދަން، މާލެ އަންނަ މީހުންގެ ޢަދަދު މަދުވަމުން އަންކަމަށެވެ. އަދި، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތަޖުރިބާއަށް ބަލާއިރު، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ އެންމެ ކާމިޔާބު ސިޔާސަތަކީ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް ރަށްރަށުގައި ހަރުދަނާ ކުރުންކަމަށާއި  މިއީ މީގެ ކުރިން ރާއްޖޭގައި ވަރަށް ކާމިޔާބުކަމާއެކު ދެމުން އައި ޚިދުމަތެއްކަމަށެވެ. ނަމަވެސް، އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތުމަށް ފަހު، މިދިޔަ އަހަރުގެ ތެރޭގައި އެ މަސައްކަތް އަލުން ހަރުދަނާކުރަން މި ސަރުކާރުން ފަށައި މި ހިނގާ އަހަރުގެ ތެރޭގައިމި މަސައްކަތް އިތުރަށް ތަރައްޤީކޮށް، ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެގޮތުން، ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައިވާއިރު ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ފަސް ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދިޔުމަށާއި މޯބައިލް ލެބްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރަން ބަޖެޓްގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ވެސް ފެޑުމަށާއި މެންޓަލް ހެލްތު ސެންޓަރގެ ޔުނިޓުތައް އަތޮޅުތެރޭގައި ގާއިމުކުރުމަށް ބަޖެޓު ކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.