ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި "ކިޔު ނަންބަރު" ދޫކުރުން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަނީ - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިންސާނީ ވަގުފާރި ހުއްޓުވުމަކަށް ގެނުއަމުގެ މަސައްކަތް ހަރުދަނާކޮށް އެންޓި ޓްރެފިކިންގ އިން ޕާސަންސްގެ އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ، އިޖްތިމާޢީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވުނުކަމަށް ވިދާޅުވެފައެވެ. އެގޮތުން، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ފާހަގަ ކުރައްވާ، ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް އެ ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެ މަސައްކަތް ހަރުދަނާކުރުމަށް ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރެއިން އެންޓި-ޓްރެފިކިންގ އިން ޕާސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ އަހަރު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ވަނީ ރަޖިސްޓަރ ވެފައެވެ. އަދި ޞައްޙަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް ފޮނުވާފައިވާކަން ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް އަނބުރާ ފޮނުވާފައިވާ ކަމަށާއި އެ ކާމިޔާބު މަސައްކަތް މިއަހަރު ތެރޭގައިވެސް ކަމާއި ގުޅުންހުރި ވުޒާރާތަކުން ކުރަމުންގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ވަނީ ފަށާފައެވެ. ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމަކީ ޤާނޫނާއި ހިލާފަށް އުޅޭ ބިދޭސީންތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.