ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަކީ ދޮގާއި މަކަރާއި ހީލަތުގެ މައްޗަށް ބިނާކޮށްފައިވާ، އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
އިދިކޮޅު ވަގުތީ ލީޑަރު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި ރައްޔިތުން މިކަމާ ވިސްނަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް
ރައީސް ޞާލިޙުގެ ރިޔާސީ ބަޔާނަކީ ދޮގާ މަކަރާ ޙީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް. ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެއްޖެ. ރައްޔިތުން މިކަމާ އެބަ ވިސްނާ #ރައީސްޔާމީންމިނިވަންކުރޭ #މީމަގޭރާއްޖެ
— Abdul Raheem Abdulla (@Banafsaa) February 4, 2021
ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު އިދިކޮޅުން ދިޔައީ މަޖިލީސް ސަރަހައްދުގައި އިހްތިޖާޖު ކުރަމުންނެވެ. ރިޔާސީ ބަޔާނުގައި ރައީސް މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ ކޮވިޑް-19 ގެ ހާލަަތުގައި މިދިޔަ އަހަރު ސަރުކާރުން ކޮށްފައިވާ ހަރަދުތަކާއި އަދި މި އަހަރު ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި މަޝްރޫއުތަކަށެވެ. ރައީސް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ވަޒީފާތަކަށް އަސަަރުކުރި ފަރާތްތަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ ކަމަށާއި، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ކަނޑާލައި އަދި ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން މަސްވެރިންނަށް އެހީވެ ދިނުމުގެ ގޮތުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 3.55 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި އަހަރު ތެރޭގައި ސަރުކާރުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލުމުން ރައީސް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމާއި، އިތުރު 5000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށެވެ. އަދި އިޖްތިމާއި ގޮތުން ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ހޯދުމަށް މި އަހަރު ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.