އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ލާޒިއޯ އަތުން 3-1 އިން ބަލިވެ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން ލީގުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

ރޭގެ މެޗުގެ ކުރީން މި ސީޒަނުގައި ޔުވެންޓަސް ކުޅުނު 19 މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް ބަލިވެފައިނުވާއިރު، ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވާއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ސަސުއޯލޯއާ 2-2 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްފައިވެއެވެ.

ލާޒިއޯގެ ސްޓާޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް ޔުވެންޓަސް އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެއިތުރުން، އެ ޓީމުގެ ލީޑް ފުޅާކުރުމަށް ޕައޮލޯ ޑިބާލާ އާއި ފެޑެރީކޯ ބާނަޑެސްކީ އަދި ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ލާޒިއޯގެ ލުއިޒް ފެލިއްޕޭ ވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ޔުވެންޓަސް އަށް އިތުރު މައްސަލަތައް ކުރިމަތިވީ، މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ ކޮލަމްބިއާ ވިންގާ ހުއާން ކުއަޑްރާޑޯ އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 74 ވަނަ މިނެޓުގައި ސާބިއާގެ މިޑްފީލްޑަރު ސާގެއި މިލިންކޮވިޗް-ސަވިޗް ވަނީ ލާޒިއޯ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.

އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި، ލާޒިއޯގެ ވަކީން ކޮރެއާ އަށް ޔުވެންޓަސްގެ ކީޕަރު ވޮޝިއެކް ޝެޒްނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ ފޮނުވާލުމުން ޝެޒްނީ މަތަކުރިއެވެ. ލާޒިއޯގެ ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ފެލިޕޭ ކައިސޭޑޯ އެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް ވަނީ 36 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. އެންމެ ކުރީގައި އުޅޭ އިންޓަ މިލާން ވަނީ މިހާތަނަށް ކުޅުނު 15 މެޗުން 38 ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި އޮތީ 33 ޕޮއިންޓާއެކު ލާޒިއޯ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހެލަސް ވެރޯނާ އަތުން 3-2 އިން އެޓަލާންޓާ މޮޅުވިއިރު، އުދިނޭޒީއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *