ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ކޮވިޑް-19 ވެކްސިން ޖަހައިދޭނީ ހިލޭ ކަމަށާއި، އެ ފުރުސަތު ބޭނުން ހިފައި ހުރިހާ ފަރާތްތަކުން ވެކްސިން ޖަހަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19 ގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލްތައް ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ އަދި ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު،
ވެކްސިން ޖަހައި ރައްކާތެރިކަން ހޯދައިގެން ކަމަށެވެ.
އެެހެންކަމުން މި ފުރުސަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު އިލްތިމާސްކުރަން
އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގައި ކޮވިޑް ފެތުރެން ފެށުމާއެކު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ ރާއްޖޭގައި އުޅޭ އެންމެން ބަލިން ރައްކާތެރިކުރުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން މި މަހުގެ އެއްވަނަ ދުވަހު ފަށައި ރައީސް ސޯލިހުވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންދާ ވެކްސިނަކީ އިންޑިއާއިން ހަދިޔާކޮށްފައިވާ ކޮވީޝީލްޑް ވެކްސިނެކެވެ.
ވެކްސިން ޖެހުމުގައި އެންމެ ފުރަތަމަ އިސްކަމެއް ދެނީ ސިއްހީ ހިދުމަތްތެރިންނާއި، ހައިރިސްކު ފަރާތްތަކުގެ އިތުރުން ޕްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި އިއްޔެ ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ކުރިޔަށް އޮތް ތަނުގައި ރާއްޖެއަށް އިތުރު ވެކްސިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު މާޗް މަހުގެ ތެރޭގައި އެސްޓްރަޒެންކާއިން އޯޑަރުކުރި ހަތްލައްކަ ޑޯޒް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފައިޒާ ވެކްސިންގެ އިތުރުން ޗައިނާއިން އުފެއްދި ވެކްސިންވެސް ގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.