އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެންޗެސްޓާ ޑާބީގައި ޔުނައިޓެޑް އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީން ލީގު ހޯދުމަށް ދެކެމުން އައި އުއްމީދުތައް ފެނަށް ހިނގައްޖެއެވެ.

ސިޓީން އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ނިކުތުމުގެ ކުރީން ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް ވަނީ ރަށުން ބޭރުގައި ބޯންމައުތުގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ހޯދީ މޮޅާއެކު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް ފުޅާކޮށްފައެވެ. މިއާއެކު ރޭގެ މެޗުން ޔުނައިޓެޑް އަތުން ސިޓީ ބަލިވުމާއެކު ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކުރެވިފައިނުވާއިރު، ދެވަނައިގައި އޮތް ލެސްޓާ ސިޓީއާ އެ ޓީމާ ދެމެދުވެސް ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ރޭގެ މެޗުތަކަށްފަހު، ޔުނައިޓެޑް ވަނީ 24 ޕޮއިންޓް ހަމަކޮށް ތާވަލްގެ ފަސްވަނައަށް ޖެހިލާފައެވެ. ސިޓީ އޮތީ 32 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. އަދިވެސް ތާވަލްގެ އެއްވަނައިގައި އުޅެނީ މިހާތަނަށް ކުޅެވުނު 16 މެޗުން 46 ޕޮއިންޓް ހޯދައިގެން ލިވަޕޫލެވެ. އޭގެ 11 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލެސްޓާ އެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީ ޔުނައިޓެޑުންނެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑަށް ސިޓީގެ ބެނާޑޯ ސިލްވާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ސްޕޮޓްމަތީން މިލަނޑު ކާމިޔާބުކުރީވެސް ރަޝްފޯޑް އެވެ. އޭގެ ހަ މިނެޓުފަހުން، ވޭލްސްގެ ހުނަރުވެރި ވިންގާ ޑެނިއެލް ޖޭމްސް ދިން ބޯޅައަކުން އެންތަނީ މާޝިއަލް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

އޭގެފަހުން، ދެ ޓީމުން ވެސް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްފައިވީނަމަވެސް، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސިޓީގެ ރިޔާދް މާރޭޒް ނަގައިދިން ކޯނަރަކުން ނިކޮލަސް އޮޓަމެންޑީ ފަރަގު ކުޑަކުރިއެވެ. ސިޓީން އިތުރު ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި ޔުނައިޓެޑްގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ސަޑިއޯ މާނޭ އާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ފެށީ ބެންޗުންނެވެ. މީގެއިތުރުން، އެ ޓީމު އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މާސޭ ސައިޑް ޑާބީ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުނު މިސްރުގެ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނޯ އަށް ރޭގެ މެޗުން ފުރުޞަތުދީފައިވެއެވެ.

ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން ލިވަޕޫލް ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އާއި ނަބީ ކެއިޓާ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަލާހު ވަނީ އިތުރު ލަނޑެއްޖަހައި ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެވަޓަން އަތުން ރަށުން ބޭރުގައި 3-1 އިން ޗެލްސީ ބަލިވިއިރު، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ފުރަތަމަ ފަހަރަށް ބައިކޮޅަށް ލަނޑެއްވަނަނުދީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ބާންލޭ ބަލިކޮށްފައެވެ.

އެވަޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ މަޓެއޯ ކޮވަސިޗް އެވެ. އެވަޓަންގެ ތިންލަނޑުގެ ތެރެއިން ދެލަނޑު ޖަހައިދިނީ ޑޮމިނިކް ކެލްވަޓް-ލުވިން އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ރިޗާލިސަން އެވެ. 

ލީގުގައި ޓޮޓެންހަމް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން ދެލަނޑު ޖަހައިދިނީ ހެރީ ކޭން އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ލޫކަސް މޯރާ އާއި ސޮން ހެއުން-މިން އަދި މޫސާ ސިސޯކޯ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *