ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއެކު ރަސްމީ ދަތުރުފުޅެއްގައި މިމަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، ތާޖް މަހަލްއަށް ވަޑައިނުގެންނެވުމަށް ނިންމެވީ، އަނބިކަބަލުން ލައިލާ އަލީއާ އެކު ވަޑައިނުގެންނެވޭތީ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ އާސާރީ އަދި ގަދީމީ އެކި ތަންތަނަށް ދިޔުމަށް ދަތުރުގެ އެޖެންޑާގައި އޮތް ނަމަވެސް، އޭގެ ތެރެއިން ތާޖު މަހަލްއަށް ޒިޔާރަތް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް  ތާޖު މަހަލްއަށް ޒިޔާރަތް ނުކުރައްވާ ވަކި ސަބަބެއް އޭރު ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން، ރޭ މަޖިލީހުން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތާޖު މަހަލްއަށް ވަޑައިނުގަންނަވަން ނިންމެވީ، އަނބިކަނބަލުން ލައިލާއާއެކު އެތަނަށް ވަޑައިނުގެންނެވޭތީ ކަމަށެވެ.

"އަޅުގަނޑު ދަންނަވަންތޯ ވާހަކަ އެއް، އެއީ ލައިލާއާއެކު އަޅުގަނޑަށް އެތަނަށް ނުދެވޭތީ. އެހެންވީމަ ލައިލާއާ ނުލާ ނުދާން ވެގެން،" ހިނިފުޅުވެޑުވެމުން އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސާއި ހުރިހާ ޕާޓީތައް ތަމްސީލުވާނެހެން މަޖިލީހުގެ ބައެއް މެންބަރުންނާއި އަމީން އާންމާއި ކައުންސެލާ ޖެނެރަލް ވެސް ހިމެނޭގޮތަށް 15 ބޭފުޅުންގެ ވަފުދަކުން އިންޑިއާ އަށް ކުރައްވާ ދަތުރު ތާވަލް ކޮށްފައި ވަނީ މިމަހު 9-13 އަށެވެ. 

ތާޖު މަހަލްއަކީ ދުނިޔޭގެ ހަތް އަޖައިބުން ކުރެ އެއް އަޖައިބެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.