މޯލްޑިވިން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ  ދީނީ ޖަމިއްޔާއެއް ކަމުގައިވާ ޖަމިއްޔަތުއް ސަލަފު އުވާލާކަށް އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކާސް” ނަމުގައި ރައްޔިތުން މަޖިލީހުން އިންތިޒާމުކޮށްގެން ބޭއްވި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނީ ޖަމިއްޔާތަކަކަށް ނޫން ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނީ އެކަންކަން ކުރި މީހުންނަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ “ތި ދެ ތަން ވެސް އުވާލައިގެން ނުވާނެއޭ އަޅުގަނޑުގެ ވާހަކައަކީ. ސަލަފު ވެސް އުވާލައިގެން ނުވާނެއޭ. އެމްޑީއެން ވެސް އުވާލައިގެން ނުވާނެއޭ. ޖަމިއްޔާއެއް ހުރެފައި ކުށްވެރިއެއް ނުވާނެ. އެ ކަމެއް ކުރި މީހެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނީ،” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކްލަބު ޖަމިއްޔާތަކާއި ޕާޓީތައް އުވާލުމުގެ ވިސްނުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއް ކަމަށެވެ. އެއީ ނުރައްކާތެރި ވިސްނުމެއް ކަމަށް ފާހަގަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ސަލަފު ކަމަށްވީ ނަމަވެސް އެމްޑީއެން ކަމަށްވީ ނަމަވެސް ކުށް ކޮށްފިއްޔާ، އެ ކުށް ކުރި މީހަކަށް ހައްގު އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ މަހުގެ ކުރީކޮޅު ޖަމިއްޔާތަކާ ބެހޭ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެން އުވާލުމަށް ނިންމާފައެވެ.

އެމްޑީއެން އުވާލުމަށް ޔޫތް މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޑީއެން އަށް މުއްދަތު ދީފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.