2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު ވިސްނަން އަދި އަވަސް ކަމަށާއި ނަމަވެސް އެ ހިސާބަށް އައުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް އެއްބަސްވެވޭ ކަމެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއް ދެނެގަތުމަށް ވޯޓަކަށް އަހަންޖެހޭތޯ އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެ ނިޒާމު ގެނައުމަށް މަސައްކަތް ކުރުމަކީ ވަކި ބަޔަކު ބޭނުން ވެގެން ކުރާ ބާވަތުގެ ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތް ކުރައްވާނީ ސަރުކާރު ހިންގާ މައިޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ މެމްބަރުން އެކަން ކުރަން ބޭނުންވާ ކަމުގައި ވާނަމަ ކަމަށެވެ.

އިތުރައް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެކަން ކުރައްވަން ބޭނުންފުޅުވެވަޑައިގަތުމުންކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނަކީ މަދަރުސީ ދައުރުން ފެށިގެން ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ވެރިކަން ހިންގަން އެންމެ ޞައްޙަ ރަނގަޅު ނިޒާމު ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެފައި، އަދި އެމަނިކުފާނަކީ، މެޖޯރިޓީ އޮތް ޕާޓީގެ ލީޑަރު ނަމަ، އެމަނިކުފާނު  ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.