ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުސްނުއް ސުއޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ، 64 މެންބަރުން ވޯޓުންނެވެ.
ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޖުޑީޝިއަލް ސާވިން ކޮމިޝަންގެ ލަފަޔަކަށް އެދިވަޑައިގެން ނަން ފޮނުވީ މިދިޔަ މަހުގެ 28 ދުވަހުއެވެ.
ސުއޫދަކީ، ސިޔާސީ ބައެއް ހަރަކާތްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. ސުއޫދު ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފާސްކޮށްފައިވާއިރު، އޭނާއަކީ އެމަގާމަށް ކުފޫ ހަމަ ނުވާ މީހެއް ކަމަށް އިދިކޮޅު ގިނަ މެމްބަރުން ބުނެއެވެ.
ސުއޫދަކީ ރައީސް ސާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އެވެ. ސުއޫދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ވެސް ކުރައްވާފައެވެ.