އަންނަ މަހު ހައެއްގެ ކުރިން އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރާނެ ކަމަށް އެމަނިކުފާނު ނިސްްބަތްވާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ، "އަނިޔާވެރި ހުކުމާ ދެކޮޅަށް" ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުުމަށް ފަށާފައިވާ މަސައްކަތުގައި ހުރިހާ މެމްބަރުންގެ އެއްބާރުލުން ދިނުމަށް އެދޭ ކަމަށާއި ކުރިއަށް އޮތް އެ މަސް ދުވަސްތެރޭ އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީން ކަމަކީ، އިރާދަކުރެއްވިޔާ މިއަދުން ފެށިގެން އެއް މަސް ދުވަސްތެރޭގައި، ގިނަވަގެން ޖެނުއަރީ ހައެއްގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން،" ޝީޔާމް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން މިނިވަންކޮށްފައި ރައީސް ޞާލިހަށް ދައްކާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ނުހައްޤުން ކަންކޮށްފައިވާ އެންމެހާ ފަރާތްތަކަށް އިންސާފު އަރާ ހަމަކުރާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ހީފުޅު ނުކުރައްވާތި މިއަދު ފަނޑިޔާރު ގެތަކުގައި ތިބެއްވި ބޭފުޅުންނަށްވެސް. ހުރިހާ ބޭފުޅުންނަށް އެނގޭ ސީދާ ރައީސް އޮފީހުން ކަން އެ ފޯން ކޯލްތައް އަންނަނީ. އެހެންވީމަ ހީފުޅު ނުކުރައްވާތި މިއަދު ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ކުރައްވައިގެން މިއަދު ފަރުޖައްސާލެވޭނެ ކަމަށް. އިރާދަ ކުރެއްވިޔާ އިންސާފު އަރާ ހަމާ ކުރާނެ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވާނެ ކަމަށެވެ.