UK vaccination
އިނގިރޭސިވިލާތުގައި ވެކްސިން ދެނީ -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

އިނގިރޭސިވިލާތުގައި ވެކްސިން ދިން މީހުންގެ އަދަދު 10 މިލިއަނަށްވުރެ އިތުރުވެފައިވާކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި އަންނަނީ ދުވާލެއްގެ މައްޗަށް ވެކްސިންގެ 400،000 ޑޯޒް ދެމުންނެވެ. އެ ގައުމުގެ ސަރުކާރުގެ އަމާޒަކީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ހައި ރިސްކް ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމެވެ. އެގޮތުން، އުމުރުން 70 އަހަރުން މަތީގެ މީހުންނާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ބޭނުންވާ ފަރާތްތަކާއި، ކުރީ ސަފުގައި މަސައްކަތްކުރާ ހުރިހާ މެޑިކުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ބުދަ ދުވަހު ވާހަކަދައްކަވަމުން މެޓް ހެންކޮކް ވިދާޅުވީ، މިހާރު 10 މިލިއަން މީހުންނަށްވުރެ ގިނަ މީހުންނަށް ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށާއި މިއީ ވައިރަސްއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަފާސްހިސާބު ދައްކާގޮތުން އެ ގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ލިބުނު މީހުންގެ އަދަދު މިހާރުވަނީ 10،021،471 އަށް އަރާފައެވެ. ދެވަނަ ޑޯޒް ދީފައިވާ މީހުންގެ އަދަދަކީ 498،962 އެވެ. އިނގިރޭސިވިލާތުގައި އަންނަނީ ފައިޒާގެ ވެކްސިންގެ އިތުރުން އޮކްސްފޯރޑް - އެސްޓްރަޒެނެކާގެ ވެކްސިންވެސް ދެމުންނެވެ. އިނގިރޭސި ވިލާތަކީ އެމަރޖެންސީ ޔޫސްއަށް ވެކްސިނަށް އެޕްރޫވަލް ދިން އެންމެ ފުރަތަމަ ގައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.