2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވޯޓު ދެއްވައިފި އެވެ.

37.8 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓް ފާސްކުރަން ފެންނަކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ފިޔަވާ ބާކީ ތިއްބެވި 77 މެމްބަރުން ވަނީ ވޯޓުދެއްވާފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުންވެސް ޖާބިރު ވަނީ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޖާބިރު ވިދާޅުވީ ބަޖެޓްގައި ކާށިދޫ ދާއިރާއަށް ޖާބިރު ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިމަނާފައި ނުވާކަމަށެވެ. އެގޮތުން އެއަރޕޯޓެއް ހިމަނާފައިނުވާކަމަށް ޖާބިރު ވިދާޅުވި އެވެ.

ބަޖެޓް މިއަދު ފާސްކޮށްފައިވަނީ ބަޖެޓު ދިރާސާކުރި ކޮމިޓީން ނިންމި ގޮތަށް 366 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. ބަޖެޓަށް ބޮޑަށް އިތުރުކުރީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އިތުރުކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.