އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އަދި ލެސްޓާ ސިޓީ މޮޅުވިއިރު ޗެމްޕިއަން ލިވަޕޫލުން ބްރައިޓަން އަތްދަށުވެއްޖެއެވެ.

ބާންލޭ ދަނޑުގައި ކުޅުނު މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ސިޓީއިން ލަނޑު ޖަހާ ލީޑު ނަގާފައިވާއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސުސްއެވެ. މި ލަނޑަށްފަހު ވެސް ސިޓީއިން ވަނީ ބާންލޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ސިޓީއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މިއީ ގުންޑޮގަންގެ އެހީތެރިކަމާއިއެކު ރަހީމް ސްޓާލިންގ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ސިޓީއަށް ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑްގައި ހުރެ ކާމިޔާބުކުރި ލަނޑެއް ކަމަށް ނިންމާފައެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ފުލަމް އަދި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ލެސްޓާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 17 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިއީ ޖޭމްސް މެޑިސަންގެ އެހީތެރިކަމާއިއެކު ކެލަޗީ ހިނަޓޯ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ލެސްޓާއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ލެސްޓާއިން ލީޑު ފުޅާ ކުރީ މެޗުގެ 44 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ޖަސްޓިންއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޗެމްޕިއަން ލިވަޕޫލް ބްރައިޓަން އަތްދަށުވީ 1-0ގެ ނަތީޖާއަކުންނެވެ،

މި މެޗުގެ ވަރަށް ކުރީ ކޮޅު ލިވަޕޫލްގެ އިތުބާރު ފޯވާޑް މުޙައްމަދު ސަލާހަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު ބްރައިޓަންއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓީވަން އަލްޒާޓޭއެވެ.   މި ލަނޑާއިއެކު ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ވަނީ ތަނަވަސް ކޮށްފައެވެ.

މި ނަތީޖާތަކާއިއެކު ސިޓީއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 47 ޕޮއިންޓާއެކުގައެވެ، ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑަށް 22 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާއިން ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ލެސްޓާއަށް 22 މެޗުން 42 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ލިވަޕޫލް ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. ލިވަޕޫލަށް 22 މެޗުން ލިބިފައިވަނ 40 ޕޮއިންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.