ލޯތްބާއި އަޅާލުން، އޯގާތެރިކަމާއި ހަމްދަރުދީ، އިޚްތިރާމާއި ޤަދަރު، މިއީ ހަމައެކަނި ދުލުކުރިން ބޭނުންކޮށްލެވޭ ބަސްތަކަށް މިއަދު މިވަނީ ވެފައެވެ. ދޭދޭ ދެމީހުންގެ މެދުގައެވެ. އާއިލީ މެމްބަރުންގެ މެދުގައެވެ. އަދި ކިއެެއްތަ ދެމަފިރިންގެ ދެމެދުގައިވެސް ކަން ހިނގަނީ މިބީދައިންނެވެ.

ލޯބިވާ އަނބިމީހާ އަށް ލޯބިން ހަދިޔާއެއް ދެވުނު ހަނދާނެއް އެބަހުރިހެއްޔެވެ؟ ލޯބިވާ ފިރިމީހާ އަށް މީރު ކާއެއްޗެއް ތައްޔާރު ކޮށްލަދެވުނު ދުވަހެއް ހަނދާން އެބަހުރިހެއްޔެވެ؟ ދެމަފިރިން އެކިގައި އުފާވެރި، ހިތްހަމަޖެހޭ މިނިވަން، ވަގުތުކޮޅެއް ހޭދަކޮށްލެވުނީ ކޮންއިރަކު ހެއްޔެވެ؟ މިއީ ކޮންމެ ދެމަފިރިއަކުވެސް ކޮށްލުން ރަނގަޅު ސުވާލު ތަކެކެވެ.

ބަހަނާއަކަށް ދައްކަނީ ބިޒީވުމެވެ. އަވަދިނެތި އުޅެންޖެހުމެވެ. ދެމަފިރިން އެކަކު އަނެކަކަށް ދިމާނުވެ ދުވަސް ނިންމާލަނީ ކިތަށް ދުވަހުހެވެ؟ ހިތާމަ ހެއްޓެވެ. ވިސްނާ ފިކުރުކުރާކަށް ނުވޭހެއްޔެވެ؟

ރަނގަޅެވެ. މިއަދުގެ މިދުނިޔެއަކީ އަގުބޮޑު ކުރަންޖެހޭ ޚަރަދުތައް ގިނަދުނިޔެއެކެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ފައިސާގެ އަޅުންނަށް ވާންޖެހިފައިވާ ދުނިޔެއެކެވެ. އެހެންނަމަވެސް ހަނދާން ނަައްތާނުލާށެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. އެކަކު އަނެކަކަށް ވަގުތު ނުދެވުމުގެ ސަބަބުން ކުދި ކުދި ކަންތައްތަކާއި ވާހަކަ ނުދެއްކި ހައްްލުނުކުރެވި ރޫޅިގެންދަނީ ކިތައް ކައިވެނި ހެއްޔެވެ. ބިކަވެގެން ދަނީ ކިތައް ޅަދަރިންހެއްޔެވެ؟ އެތައްދުވަހެއްވަންދެން އެކުގައި އުޅުމައްފަހު ފޮނި ހުވަފެންތަކެއް ދެކި އެތައް އުންމީދުތަކާއި އެކު ބިނާކުރެވޭ ހަޔާތުގެ ގަނޑުވަރު އަމިއްލަ އަތުން ފުނޑުފުނޑުކޮށްލަން ބޭނުންވާނީ ކާކުހެއްޔެވެ؟

ވިސްނާލާށެވެ. ތިމާގެ ދިރިއުޅުމަކީ ކިތަންމެ އަވަދިނެތި އުޅެމުންދާ ދިރިއުޅުމެއްކަމުގައި ވިޔަސް ތިމާގެ އާއިލާއަށް ވަގުތުދޭށެވެ. އޮފީސް ނިންމާލުމައްފަހު ދެމަފިރިން އެކުގައި ކެއުމަކަށްނަމަވެސް ގޮސްލާށެވެ. ރޭގަނޑުގެ ވަގުތަކީ އުފާވެރި ހިންހަމަޖެހޭ ވަގުތަކަށް ހެދުމައްޓަކައި އެކުގައި ބޭރައްގޮސްލާށެވެ. ކަންކަމުގައި މަޝްވަރާކުރާށެވެ. ދިމާވަނީ ކޮން ކޮން މައްސަލަތަކެއްތޯ ބަލާ ވާހަކަދައްކާށެވެ. ތިމާގެ ފަރާތުން އިސްލާހުކުރަން ހުރީ ކޮންކަމެއްތޯ ބައިވެރިޔާއާއި ސުވާލުކުރާށެވެ. މުސްތަޤުބަލާއި މެދު އެކުގައި ވާހަކަ ދައްކާށެވެ. ގޭތެރޭގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހަދާށެވެ. ހަފަތާއަކު އެއްފަހަރުނަމަވެސް މާހައުލު ބަދަލުކޮށްލާށެވެ. ކިތަންމެ ކުޑަވަގުތުކޮޅެއްލިބުނުކަމުގައި ވިޔަސް އެވަގުތަކީ އާއިލާއާއި އެކު ހޭދަކުރެވޭ އުފާވެރި ވަގުތުކޮޅަކައް ހަދާށެވެ.

ތިމާގެ ދިރިއުޅުމަކީ ތިމާގެ އަތުން ފަނާކުރާ އެއްޗަކައް ނުހަދާ ބިނާ ކުރާ އެެއްޗަކައް ހަދާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.