މާލޭ ސަރަހައްދުގައި ދިރިއުޅެމުން އަންނަ 65 އަހަރުން މަތީގެ މީހުންނަށް ބުރާސްފަތި ދުވަހު ވެކްސިން ދިނުމަށް ފެށުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ދެ ތަނަކުން މާދަމާ 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ފަށާނެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ވެކްސިން ދޭން ފަށާއިރު މާދަމާ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމަޔަށް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެެންދާނެއެވެ. އެޗްޕީއޭއިން ވަނީ އެ އުމުރުފުރައިގެ ފަރާތްތަކުން މާދަމާ އެ ގަޑިތަކުގައި ވެކްސިން ޖެހުމަށް ޒިޔާރަތްކުރެއްވުމަށް އެދިފައެވެ.
ރާއްޖޭގައި ކޮވިޑް 19 އާ ދެކޮޅަށް ވެކްސިން ދިނުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިޔަށްދާއިރު މިހާތަނަށް ވަނީ 1،578 މީހުން ގަޔަށް ވެކްސިން ޖަހާފައެވެ. ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްްސްފޯޑް - އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ.