ދިރާގު ދިވެހި ޕްރިމިއާ ލީގު
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ކުޅިވަރު ހަރަކާތްތަށް ކުރިޔަށް އޮތް ދެ ހަފްތާ ނުބޭއްވުމަށް އެންގުމާއިއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލުމަށް ނިންމީ އެޗްޕީއޭއިން ކުރިޔަށް އޮތް ދެ ހަފްތާއަށް އަމަލުކުރުމަށް ނިންމާ އެކުލަވާލި އައު އުސޫލުތަކާއި ގުޅިގެން ކަމަށެވެ.

އަންގާރަ ދުވަހަު ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް މެދުކަނޑާލަން އަންގާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެކަނި ކުރާ ކަސްރަތު ފިޔަވާ، ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދުތައް އިތުރުވާ މިންވަރު ބެލުމަށްފަހު، މި މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ލީގުގެ ކުޅުން މެދުކަނޑާލަން ޖެހުނުއިރު، މީގެ ކުރިން ލީގުގެ ކުޅުން ޑިސެމްބަރު މަހު ފަށާފައިވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުންނެވެ. އެގޮތުން ޗެރެޓީ ޝީލްޑް މެޗުން ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ސީޒަން ފެށިއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ލީގު މެދު ކަނޑާލައިފައިވަނީ ފުރަތަަމަ ބުރު ނިމި ދެވަނަ ބުރުގެ މެދުތެރެއިންނެވެ. ލީގު މެދުކަނޑާލިއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާއިންނެވެ. އެއީ 9 މެޗުން ލިބުނު 21 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާއާ ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް 9 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.